ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގޭގޮތަށް، ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިސްލާހް ގެނެސްފިއެވެ.

މިގޮތުން އެފްޑީއައި ޕޮލިސީއަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހް ވަނީ މިއަދު ހަވީރު ސަރުކާރުގެ ގެޒެޓުކުރި އާންމުކޮށްފައެވެ.

Ad
rt

އެފްޑީއައި ޕޮލިސީގައި ކުރިން އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓެއް ނުކުރެވޭ ގޮތަށެވެ. ކުރިން އެ ޕޮލިސީބުނާގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އެއީ ފަސް އަހަރުގެ މުއްދަތަށެވެ.

ސަރުކާރުން މިއަދު އާންމުކުރި އިސްލާހުގައި ވާގޮތުން 100 ޕަސެންޓް ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެ އެވެ. އަދި އެ ފުރުސަތު ލިބޭނީ 5 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އިސްލާހުގައި ބުނެފަވާގޮތުން، ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓްކުރެވޭނެ އެވެ.

މިއާއިއެކު ޓާމިނަލް ފެސިލިޓީސް ހިމެނޭހެން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުމާއި، އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

މިފަދަ އިންވެސްޓުމެންޓުތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު، ސަރުކާރުން ހުއްދައާއިއެކު މިފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ އެވެ.

މި އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާއިރު، 1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭހެން ތަރައްޤީކުރުމަށް ތިލަދުންމަތީގެ، "ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް" މިހާރު އޮތީ ބީލަމަށް ހުޅުވާލާފައެވެ.