ހަލުވިކަމާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ބަލީގައި މިދިޔަ އަހަރު މަރުވި މީހުންގެ އަދަދަށް ވުރެ މިއަހަރުގެ މިހާތަނަށް މަރުވި މީހުންގެ އަދަދު ގިނަކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމެރިކާގެ އަމިއްލަ ދިރާސާތައް ކުރާ ޔުނިވާސިޓީ އެއްކަމުގައި ވާ ޖޯން ހޮސްޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑް-19 ދުނިޔޭގެ ޕެންޑަމިކް ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 3.77 މިލިއަން މީހުން މިބަލީގައި ވަނީ މަރުވެފައެވެ.

Ad
rt

މީގެ ތެރޭގައި ނިމިދިޔަ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް މަރުވެގެން ރިޕޯޓުކުރެވުނު 1.88 މިލިއަން މީހުން ހިމެނެއެވެ. މިއަދަދު ފަހާލުމަށްފަހު، މިއަހަރުގެ މިހާތަނަށްވެސް، 1.89 މިލިއަން މީހުން މަރުވެގެން ރިޕޯޓުކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ގިނަ ބަޔަކު މިބަލީގައި މަރުވެފައިވަނީ އެމެރިކާއިންނެވެ. އެއީ 614,739 މީހުންނެވެ. ބުރެޒިލްއިން 484,350 މީހުން މަރުވެފައިވާއިރު އަވައްޓެރި އިންޑިޔާއިން ވަނީ 367,097 މީހުން މިބަލީގައި މަރުވެފައެވެ.

2019 ވަނަ އަހަަރު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ނޮވެލް ކޮރޯނާވައިރަސް ދުނިޔޭގެ އެކި ގައުމުތަކުން މިހާތަނަަށް 176,114,834 މީހުންނަށް ވަނީ ޖެހިފަ އެވެ.

މިއަދަދު ތަކަކީ އެތަނުން ކޮވިޑް19 މަރުގެ ގޮތުގައި ރިޕޯޓްކޮށްފައިވާ މަރުތަކެވެ. ތަފާސް ހިސާބުތައް ރެކޯޑު ކުރުމުގައި ދިމާވާ މައްސަލަތަކާއި، އަދި މަރުވެގެން ރިޕޯޓު ނުކޮށް ހުރުމާއި، ތަފާތު އެހެނިހެން ސަބަބުތަކާ ހުރެ ރިޕޯޓު ނުކުރެވިދާ މަރުތަކަށް ބަލާ، މަރުވި މީހުންގެ އަސްލު އަދަދު އަދި މިއަށްވުރެ ގިނަވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮވިޑް-19 ގެ ނުރައްކާތެރި އާ ވެރިއެންޓުތައް ފެތުރެމުންދާ އަދި ކޭސްތައްވެސް އެހާމެ ގިނައިރު، ބައެއް ޤައުމުތަކުގައި ކިރިޔާވެސް ކޮވިޑު ބަލީގެ ކޭސް ތައް މަދުވާ ހިސާބުން، ބަލި ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ދުނީޔޭގެ ސިއްޙީ އިދާރާތަކުން ވަނީ ޤައުމުތަކުގެ ވެރިންނަށް އެފަދައިން އަމަލު ނުކުރުމަށް ނަސޭޙަތްތެރިވެފައެވެ.

ރާއްޖޭގައިވެސް މިބަލީގައި މިދިޔަ އަހަރު މަރުވި މީހުންނަށްވުރެއް މިއަހަރުގެ ފުރަތަމަ 6 މަސްތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.