ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 60 އަހަރުގެ މީހެކެވެ. އެއީ އަންހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި 193 ވަނަ މީހާއެވެ.
މިބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެއީ 56 އަހަރުގެ މީހެކެވެ.
މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 33 އެވެ. މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ.
ރާއްޖެއިން މިހާތަަނަށް ނިޔާވި މީހުންގެ 60 އިންސައްތައަކީ ފިރިހެނުންކަމަށް އެޗްއީއޯސީން ވަނީ ހާމަކުރަށްވާފައެވެ. އެއްޔެ އެއިދާރާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ތަފާސް ހިސާބުތަކާއި ހަވާލާދީ ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ 60 ޕަސެންޓަކީ ފިރިހެނުން ކަމަށެވެ. އަދި މުޅި ދުނިޔެއިން މިހާތަނަށް ނިޔާވި މީހުންގެ ތެރެއިންވެސް ގިނައީ ފިިރިހެނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ނިޔާވި މީހުންގެ ތެރެއިން ގިިނަ މީހުންނަކީ ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުރި ހައިރިސްކު މީހުންނެވެ. އެ މީހުންގެ ތެރޭގައި އެންމެ ގިނައީ ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ހިތުގެ ބަލީގެ އިތުރުން ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ހުރި މީހުންނެވެ.
ރާއްޖޭއިން މިހާތަނަށް 69،536 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 14،281 މީހުން ތިބިއިރު، މިހާތަނަށް 55،055 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.
މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 143 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!