ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ އުމުރުން 56 އަހަރުގެ މީހެކެވެ. އެއީ އަންހެނެކެވެ.
މިބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވުމުން މިހާރު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި ޖުމްލަ މީހުންގެ އަދަދު މިވަނީ 192 އަށް އަރާފައެވެ. މިބަލީގައި އިއްޔެ މީހަކު ނިޔާވެފައެއް ނުވެއެވެ.
މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 32 އެވެ.
މި ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހަކީ ވެސް މިދިޔަ މޭ މަހެވެ. އެމަހު 88 މީހަކު މިބަލީގައި ނިޔާވިއެވެ.
ރާއްޖެއިން މިހާތަަނަށް ނިޔާވި މީހުންގެ 60 އިންސައްތައަކީ ފިރިހެނުންނެވެ. މި މައުލޫމާތު ހިއްސާކުރައްވަމުން އެޗްއީއޯސީގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ތަފާސް ހިސާބުތަކާއި ހަވާލާދީ ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ 60 ޕަސެންޓަކީ ފިރިހެނުން ކަމަށެވެ. އަދި މުޅި ދުނިޔެއިން މިހާތަނަށް ނިޔާވި މީހުންގެ ތެރެއިންވެސް ގިނައީ ފިިރިހެނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ނިޔާވި މީހުންގެ ތެރެއިން ގިިނަ މީހުންނަކީ ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުރި ހައިރިސްކު މީހުންނެވެ. އެ މީހުންގެ ތެރޭގައި އެންމެ ގިނައީ ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ހިތުގެ ބަލީގެ އިތުރުން ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ހުރި މީހުންނެވެ.
ރާއްޖެއިން އިއްޔެ މިބައްޔަށް ޕޮޒިޓިވްވީ 341 މީހެކެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 160 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 153 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 28 ވަނީ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖޭއިން މިހާތަނަށް 69،213 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 15،621 މީހުން ތިބިއިރު، މިހާތަނަށް 53،392 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.
މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 146 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!