ހއ. ހޯރަފުށީ އެއާޕޯޓުގެ މަރާމާތުގެ މަސައްކަތްތައް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތް ނިމިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

Ad
rt

ހޯރަފުށީ އެއާޕޯޓު މަރާމާތް ކުރީ މިދިޔަ މަހު މޫސުން ގޯސްވެ އުދަ އެރުމުގެ ސަބަބުން އެއާޕޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެންނެވެ. އެގޮތުން އެއާޕޯޓުގެ ރަންވޭއަށް އުދައެރުމާ ގުޅިގެން ރަންވޭއަށް ފަސް އަރާފައިވާއިރު ޓާމިނަލަށާއި އެތަނުގައި ބޭނުން ކުރާ ބައެއް ސާމާނުތަކަށާއި އެކޮމޮޑޭޝަން ބްލޮކަށް ވެސް ވަނީ ގެއްލުންވެފައެވެ.

ނޮވެމްބަރު 19، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައި ދެއްވި މި އެއާޕޯޓް 198 މިލިއަން ރުފިޔާ އަށް ތަރައްގީ ކުރީވެސްއެމްޓީސީސީންނެވެ. އެހެންކަމުން އެ އެއާޕޯޓުގެ މަރާމާތުގެ ކަންކަން ބަލަހައްޓަން ޖެހެނީ އަދިވެސް އެ ކުންފުނިންނެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފައެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީހަދައިފައެވެ.