އާދަމް އުމަރަކީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނީލޯފަރުމަގުގައި ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާގައި އަނިޔާލިބުނު މީހުންގެ ތެރެއިން އެކަކެވެ.
އާދަމް އުޅެ ބޮޑުވީ މަންމަގެ ރަށް ކަމުގައިވާ ހދ.ވައިކަރަދޫގައެވެ. އޭނާގެ އަންހެނުންގެ ރަށަކީވެސް އެއީއެވެ. ކައިވެންޏަށް މިހާރު 17 އަހަރު ވެފައިވާއިރު، ދެމަފިރިން އެކުގައި މާލެ ބަދަލުވީ މީގެ 11 ވަރަކަށް އަހަރު ކުރިންނެވެ. ދިރިއުޅުން މާލެއަށް ބަދަލުކުރި އެންމެ ބޮޑު ސަބަބަކީ ދަރިން ލިބުމުގައި ދިމާވި މައްސަލަތަކަށް ހައްލެއް ހޯދުމެވެ. އެކަމަށް އިތުރު ފަރުވާކޮށް ދަރިއަކު ހޯދުމަށް މަސައްކަތް ކުރުމެވެ. މާލެ ބަދަލުވެ ޑޮކްޓަރަށް ދައްކައި ކުރެވުނު މަސައްކަތުން ދެ ފަހަރު އަންހެނުން ބަލިވެއިނެވެ. ނަމަވެސް އެ ދެފަހަރު ވެސް ދަރިފުޅު ބައިގެން ދިޔައީއެވެ.
ދެވަނަ ފަހަރު ދަރިފުޅު ބައިގެންދިޔަތާ އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. އެ ހިތާމައިން އަރައި ނުގަނެވި އުޅެނިކޮށް އަންހެނުންގެ މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. އެ އުނދަގޫ ވަގުތު މުޅި އާއިލާ ކޯވިޑަށް ޕޮޒިޓިވްވެ ހާލަތު އިތުރަށް ގޯސްވެގެން ދިޔައެވެ. ނަމަވެސް ކެއްތެރިކަމާއިއެކު ކުރެވުނު މަސައްކަތުން ﷲ ގެ ރަޙްމަތްފުޅުން އާއިލާ އެއްކޮށް ބަލިން ފަސޭހަވިއެވެ.
ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަނެވުމާއިއެކު އާދަމް ތައްޔާރުވަމުން ދިޔައީ އަންހެނުންގެ ރަށަށް ދިރިއުޅުން ބަދަލުކުރާށެވެ. ރަށަށް ދިރިއުޅުން ބަދަލުކުރުމަށްޓަކައި ރަށަށް ފޮނުވަނެޖެހޭ ސާމާނުތައް ބޯޓަށް އެރުވީ ވެސް މެއި މަހުގެ ހަވަނަ ދުވަހުއެވެ. އެ ރޭވެސް އަވަދިނެތި އޭނާ އުޅެމުން ދިޔައީ އެ ތައްޔާރީ ތަކުގައެވެ.

އާދަމްމެން އެއިރު ދިރިއުޅެމުންއައި ގެ ހުންނަނީ ނީލޯފަރުމަގުގައެވެ. ވުމާއިއެކު މަންމަ ބަލައި ގޮސް ނީލޯފަރުމަގުގެ ކަންމައްޗާއި ދާދިކައިރީގައި ހުރި ސައިކަލް ޕާކްކުރާ ޒޯންގައި، ޕާކު ކުރި އިރު، ކާރަށް އަރައިވަޑައި ގަތުމަށް އެ ގޯޅިތެރޭން ހިންގަވާފައި ރައީސް މުޙައްމަދު ނަޝީދު ނުކުމެ ވަޑައިގަންނަވާ މަންޒަރު އާދަމްއަށް ވެސް ފެނެއެވެ. އެވަގުތު އޭނާއަސް އެއްވެސް ބިރުވެރި ކަމެއްގެ އިހުސާސެއް ނުކުރެވެއެވެ. އޭނާއަށް އިނދެވުނީ ބޮން ހަރުކޮށްފައިވާ ސައިކަލާއި ދާދި ގާތުގައި ކަމަށް ވުމުން، ރައީސް ނަޝީދު އެ ހިސާބަށް ހިންގަވާފައި ވަޑައިގެން ވަގުތު "ސީން" އަޑެއް ކިޔާފައި ބާރު ގޮވުމެއް ގޮވިއެވެ. އާދަމްއަށް ފުރަތަމަ ހީވީ އޭނާގެ ސައިކަލު ގޮވިހެންނެވެ.
ސައިކަލުމަތިން ފައިބައި ދުއްވައި ގަނެވުނީ ބޭ އިޚްތިޔާރުގައެވެ. އިވުނު ބާރު އަޑާއިއެކު ލިބުނު ސިހުމުގެ ސަބަބުން އޭނާގެ ފަޔަށް އެއްވެސް ގެއްލުމެއް ވީކަމުގެ އިހުސާސެއް އޭނާއަށް ފުރަތަމަ ނުކުރެވުނެވެ. އިރުކޮޅެއް ފަހުން ފައިން ގިނައަދަދަކަށް ލޭ ފައިބާތަން ފެނުމުން ފަޔަށް ގެއްލުން ވެއްޖެކަން އެނގުނެވެ. އެ ވަގުތު އެތަނުގައި ތިބި އެހެން މީހުންގެ އެހީ އޭނާއަ ލިބުނެވެ. އެކަކު ލައިގެންހުރި ޓީޝާޓް ބާލައި އޭނާގެ ފައިގައި އޮޅާލައި ލޭ މަނާކުރުމަށް މަސައްކަތް ކުރިއެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމަށް ވެހިކަލެއް ހޯދައި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ވެސް އެ ސަރަހައްދުގައި ތިބި އާންމުންގެ މީހުންނެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ފަޔަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ. އޭޑީކޭގައި ކުޑަވަގުތު ކޮޅެއްގައި ބޭއްވުމަށް ފަހު، އެތަނުން އެ ވަގުތު އޮޕަރޭޝަން ކުރެވެން ނެތުމާއިއެކު އޭނާ ފޮނުވާލީ އައިޖީއެމްއެޗަށެވެ. ހޮސްޕިޓަލުން ބެލުމުން އެނގުނީ ކަނާތުފައިގެ ހަލާކުވެފައިވާ ދިމާލުގެ ކަށިގަނޑު ކުދިކުދި ވެފައިވާކަމެވެ.
އައިޖީއެމްއެޗުން އޮޕަރޭޝަން ކޮށްފައި ހަ ދުވަހު ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު ގެއަށް ދޫކޮށްލީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. އެއަށްފަހު މެއި މަހުގެ 19 ވަނަ ދުވަހު އޮޕަރޭޝަން ކޮށް ފަހާފައިވާ ތަނުގެ ރޮދި ކޮށިއެވެ. އޮޕަރޭޝަން ކޮށްފައި ކަށިތަށް ހިފަހައްޓަން ފަޔަށް ލައްވާފައިވާ ދުނިތައް ނައްޓާފައިވަނީ އޮޕަރޭޝަން ކުރިތާ އެއްމަސް ފަހުން ޖޫން 7 ވަނަ ދުވަހުއެވެ. އޭނާ ހުރީ ދުނިތައް ނެއްޓުމުން ފުރިހަމައަށް ފައި އަޅައި ހިނގައި ގެނެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެއަށް ފަހު ފައި ވަރަށް ބޮޑައް ދުޅަވިއެވެ. އަދި ގެއްލުންވެފައިވާ ތަނުގެ ފާރުގަނޑު އަދިވެސް ރަނގަޅުނުވެ ބޮޑުކޮށް ހުރުމާއިއެކު އަދި ވެސް އޭނާއަށް ފައި އެޅޭގޮތެއް ނުވެއެވެ. އަދިވެސް ހިނގާއުޅެނީ އަސާގެ އެހީގައެވެ.

އުމުރުން މިހާރު ސާޅީހުގެ އަހަރުތައް ގުނަމުންދާ އާދަމްއަކީ ސެލްބީ ސްޓާރ ފިހާރައިގެ ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުން އައި ފަރާތެކެވެ. އާދަމްގެ އެންމެހާ ޚަރަދުތައް ބަލަހައްޓަމުން އައިސްފައިވަނީ އެ ވަޒީފާއިން ލިބޭ މުސާރައިނެނެވެ. ނަމަވެސް ބަލިހާލަތުގެ ސަބަބުން މިހާރު އެ ވަޒީފާ އަދާ ކުރުމަށް ވެސް އޭނާ ވަނީ އުޒުރުވެރި ވެފައެވެ. މާލޭގައި ފަރުވާއަށް އިތުރަށް މަޑުކުރަން ޖެހުމުގެ ސަބަބުން މިހާރު އޭނާއަށް ވަނީ މާލީގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. އަތްމަތި ހުސްވެފައެވެ.
މާލީ ހާލަތު ދަށްވެ އެހީތެރިކަމަކަށް އެދި ޖެންޑަރ މިނިސްޓްރީއަށް ސިޓީ ލާފައިވާއިރު، އޭނާ ސިޓީ ހުށަހެޅިތާ ހަފްތާއަކަށްވުރެއް ގިނަދުވަސް މިހާރުވަނީ ވެފައެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އެއްވެސް ޖަވާބެއް އަދި ނުލިބޭ ކަމުގައު އޭނާ ބުނެފައިވެއެވެ. މާލީގޮތުން ވަރަށް ބޮޑު ގޮންޖެހުމަކާއި މިވަގުތު ކުރިމަތިވެފައިވާ އާދަމްގެ މިހާރުގެ އުންމީދަކީ ފަޔަށް ރަނގަޅު ފަރުވާއެއްލިބި އަވަހަށް އެކަމުން އަރައިގަނެވުމެވެ. އަދި މިހާރު އޭނާވަނީ މި ހާލަތުން އަރައިގަތުމަށް އާންމުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
އާދަމަށް އެހީތެރިކަން ފޯރުކޮށް ދެއްވުމަށް
ބީއެމްއެލް އެކައުންޓް ނަމްބަރ: 7770000006062
ނަން: އާދަމް އުމަރު
ފޯނު ނަމްބަރ: 9910655
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!