ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން، ށ. މިލަންދޫ މޮނިޓަރިން ހާލަތުން ނަގައިފިއެވެ.
މިލަންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 21 ދުވަސް ފަހުންނެވެ.
އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި މެއި މަހުގެ 20 ވަނަ ދުވަހުގެ 18:01 އިން ފެށިގެންނެވެ. އެ ހާލަތުން ވީއްލީ 9 ޖޫން 23:57 އިން ފެށިގެންނެވެ.
އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިލަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވުމުންނެވެ.
މިލަންދޫ މޮނިޓަރިން ހާލަތުން ނެގުމަށް، އެރަށުގައި ބަލި ފެތުރިފައިވާ މިންވަރު ވަޒަން ކުރުމަށް ދެ ފަހަރެއްގެ މަތީން ވަނީ 350 ރެންޑަމް ސާމްޕަލް ނަގާފައެވެ.
މިގޮތުން މިދިޔަ މޭމަހުގެ ފަހު ހަފުތާގައި 200 ރެންޑަމް ސާމްޕަލް ނެގިއެވެ. އަދި މިމަހުގެ 8 ވަނަ ދުވަހު 150 ރެންޑަމް ސާމްޕަލް ނެގިއެވެ. އެހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފައެވެ.
ނަމަވެސް މިމަހުގެ 8 ވަނަ ދުވަހު ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ނެގި 6 ސާމްޕަލުން 3 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިމަހު 6 ވަނަ ދުވަހު ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ނެގި 49 ސާމްޕަލުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު، މިމަހުގެ 3 ވަނަ ދުވަހު ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ނެގި 156 ސާމްޕަލުގެ ތެރެއިން ސާމްޕަލެއް ވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މިލަންދޫ މޮނިޓަރިން ހާލަތުން ވީއްލިއިރު، ށ. އަތޮޅުގެ ކަނޑިތީމާއި، ގޮއިދޫ އަދި ޅައިމަގު އަދިވެސް އޮތީ މޮނިޓަރިންގައެވެ.
ހދ. އަތޮޅުން ވެސް 4 ރަށެއް މޮނިޓަރިން ހާލަތުގައި އެބައޮތެވެ. އެއީ ކުޅުދުއްފުށީ ސިޓީ، މަކުނުދޫ، ނޭކުރެންދޫ އަދި ހަނިމާދުއެވެ. މޮނިޓަރިން ހާލަތުގައި މިވަގުތު ހއ. އަތޮޅުގެ ރަށެއް ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!