ކޯވިޑް19 ގެ ރާއްޖެއަށް ފެތުރި މިބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް އިތުރުވެފައިވާއިރު ހދ. އަތޮޅުގެ 9 ރަށެއްގައި 108 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ހާމަކޮށްފި އެވެ.
ކޭއާރުއެޗްއިން މިރޭ އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު މިއަދު އެކަނިވެސް އެކިރަށްރަށުން 23 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. މިއަދު ބަލިން ފަސޭހަވެފައިވަނީ 21 މީހެކެވެ.
އަލަށް ޕޮޒިޓީވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 31 ފުރަބަންދު، ކޮންޓެކްޓް ޓްރޭސިންއިން 57 މީހަކާއި ފުލޫ ކުލިނަށް ދެއްކި މީހުންގެ ތެރެއިން 6 މީހަކާއި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވް ވެފައިވާ 14 މީހެކެވެ.
ހދ. އަތޮޅުގައި ކޮމިނިއުޓީ ސްޕްރެޑްއެއް އޮތީ 2 ރަށެއްގަ އެވެ. އެއީ އެންމެ ގިނަބަޔަކު ޕޮޒިޓީވްވެފައިވާ ހދ. ނޭކުރެންދޫ އާއި ހދ. މަކުނުދޫ އެެވެ. ނޭކުރެންދޫގައި މިވަގުތު 64 މީހަކު ތިބިއިރު އެރަށުން މިއަދު އަލަށް ޕޮޒިޓިވްވެފައިވަނީ 12 މީހުންނެވެ. ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. މަކުނުދޫއިން އަލަށް 5 މީހުން މިއަދު ޕޮޒިޓިވްވުމުން އެރަށުގެ ޖުމްލަ އަދަދު މިވަނީ 16 އަށް އަރާފަ އެވެ.
މިއަދު އަލަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވަނީ ވެރިކަންކުރާ ކުޅުދުއްފުށި ސިޓީއިންނާއި ހދ. ހަނިމާދޫއިންނެވެ. ކުޅުދުއްފުށިން ފެނިފައިވަނީ ފުލޫކުލިނިކަށް ދެއްކި މާލެ ދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރާ ފަޅުވެރިއެވެ. މީގެ އިތުރުން އެރަށުގައި ހޯމްކަރަންޓީން ފުރިހަމަކުރުމަށްފަހު ނެގުނު ރިލީޒް ސާންޕަލުން ވަނީ 3 މީހަކު ޕޮޒިޓިވްވެފަ އެވެ.
ޕޮޒިޓިވް 2 ކޭސްއެއް ފެނުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ހދ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ.
އެރަށް މޮނިޓަރިން ހާލަތަށް ގެނައީ އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ. އެ ދެބެއިން ޕޮޒިޓިވްވިކަން އެނގުނީ ހަވީރު 4 ޖަހާކަށް ހާއިރުއެވެ. އެއީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެއިންނެވެ.
ހދ. ފިނޭއިން މިއަދު 3 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެރަށުގައި މިވަގުތު 4 މީހަކު ޕޮޒިޓީވްވެފައި އެބަތިއްބެވެ. ނޮޅިވަރަމާއި ވައިކަރަދޫގައި 2 މީހުން އަދި ކުރިނބީއާއި ނައިވާދުގައި މިވަގުތު ޕޮޒިޓިވްވެފައި ތިބީ އެންމެ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!