ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުމުގެ ސަބަބުން މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަލާގައި ވަރަށް ފުރިހަމަ ތަހުގީގެއް ކުރަމުގެ މަސައްކަތް ކުރަމުންއަންނަކަމަށާއި ފުރިހަމަ ތަހުގީގީ ރިޕޯޓެއް އަންނަ ހަފްތާއެއްގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

Ad
rt

ރާއްޖޭގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިހާރުވެސް ފިޔަވަޅުތަކެއް އަޅާ އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންކަަމަށެވެ.

"ހަގީގަތުގައި މި ރިޕޯޓުން ދައްކާ ގޮތުގައި އެމްބިއުލޭންސް ލަސްވީކީ ނޫން، އެމްބިއުލޭންސާއި ހަމައަށް މެސެޖު ނުގޮސްގެން ލަސްވީ. އެމްބިއުލޭންސަށް އެނގުމުން 10 މިނެޓު ތެރޭގައި އެ ގެއަށް ގޮސްފައި ވަނީ،"

މިނިސްޓަރ ނަސީމް ވިދާޅުވި އެވެ.

އެމްބިއުލަންސް ދުއްވާ ފަރާތްތަކާއި އެކަމުގައި އުޅޭ މުވައްޒަފުންނަށް މިނިސްޓަރުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އެމައްސަލައާއި ގުޅިގެން މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކޯލްސެންޓަރުގެ ހިދުމަތް ވެސް އިތުރަށް ހަރުދަނާ ކޮށްފައި ވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެމްބިއުލާންސް ފޮނުވުމަށް އެދޭ ފަރާތްތަކަށް އެ ހިދުމަތް ލިބެންދެން ކޯލް ސެންޓަރުން އެކަން މޮނީޓާ ކުރަމުން ދާނެ ކަމަށާއި ޑޮކްޓަރަކަށް ނަމަ، އެ ހިދުމަތަށް އެދޭ ފަރާތާއި ޑޮކްޓަރަކާއި ގުޅާ ދިނުމަކީ ވެސް ކޯލް ސެންޓަރުގައި ތިބޭ ކުދިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމްބިއުލާންސަށް ގުޅޭ ހިސާބުން ފެށިގެން ބަލައި އަންނަންދެން ބަލިމީހާގެ ހާލު ބަލަމުންދާ ގޮތަށް ހަމަޖައްސަން ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

އެމްބިއުލާންސްގެ ހިދުމަތް މިހާރަށް ވުރެ ހަރުދަނާކޮށް ދިނުމަށް ރާވާފައިވާ ކަމަށާއި އާ ސިޔާސަތުގެ ދަށުން ފުރަތަމަ ހަފްތާގައި ކުރިއަށް ގެންދާނީ ޓެސްޓް ބުރުތަކެއް ކަމަށާއި އަދި ދެވަނަ ހަފްތާގައި ހުރިހާ ރަައްޔިތުންނަށްވެސް ރަނގަޅު ހިދުމަތެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.