ޔޫރޯ 2020 އަށް ހިލޭ ޕްރޮޖެކްޓަރު ދޫކުރަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ހުޅުވާލައިފި އެވެ.

އެމެނިސްޓްރީއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕުގެ ފުޓްބޯޅައިގެން އެންމެ ބޮޑު މުބާރަތް ކަމަށްވާ "ޔޫރޯ 2020" އާއި ދިމާކޮށް ޗައިނާ އެއިޑްގެ ދަށުން ލިބިފައިވާ ޕްރޮޖެކްޓަރތަކެއް އެމިނިސްޓްރީގެ ފަރާތުން ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

މިޕްރޮޖެކްޓަރތައް ހޯދުމަށް ބޭނުންވާ ކްލަބް ޖަމިއްޔާ ޖަމާޢަތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިއުމަކުން އެއިދާރާއަށް އީމެއިން ކުރެއްވުމަށް އެދޭކަމަށެވެ. އީމެއިލް ކުރެއްވުމަށް އެދިފައިވަނީ bereau@youth.gov.mv އަށެވެ.

މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް އެންމެ ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޖުލައިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ޔުއެފާއިން ވަނީ މިމުބާރާތް މިއަހަރުގެ ޖޫންމަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ނިންމާފަ އެވެ. މިއަހަރުގެ މުބާރާތް ބާއްވާނީ "ޔޫރޯ 2020" ގެ ނަމުގައެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޔޫރަޕުގެ 11 ގައުމެއްގައި ކުޅޭއިރު، މިއީ ޔޫރޯގެ ތާރީޚުގައި މިގޮތައް މުބާރާތް ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި މުބާރާތް ކުޅެމުން އައީ މުބާރާތުގެ ހޮސްޓުންގެ ގޮތުގައި ކުޅޭ ހަމަ އެކަނި ޔޫރަޕުގެ އެއް ގައުމެއްގައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް މިފަހަރު ޔޫރަޕުގެ ތަފާތު 11 ގައުމެއްގައި ކުޅެން ހަމަޖައްސާފައި މިވަނީ މި މުބާރާތަށް 60 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ. އެގޮތުން މިފަހަރުގެ މުބާރާތް ބާއްވާ ޔޫރަޕުގެ 11 ގައުމަކީ އަޒަރަބައިޖާން. ޑެންމާކް، އިންގްލެންޑް، ޖާމަނީ، ހަންގޭރީ، އިޓަލީ، ނެދަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިންއެވެ.