ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ސުވެނިއަރ ފިހާރައަކާ ކެފޭއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފި އެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލާކަމަށެވެ.

Ad
rt

މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ދާރުލްއާސާރު އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި މިމަހުގެ 15 ވަނަ ދުވަހު 11:30 ގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު ހަމަ އެތަނުގައި 11:30 ގަ އެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހަޅަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ކަމަށް އެމަރުކަޒުން މަޢުލޫމާތުދެއްވަ އެވެ.

މިދިޔަ އަހަރު ވަނީ އެމަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ބަޔަކާއި ވައި.އެލް ސަޕްލައި ކުންފުންޏާއި ހަވާލުކޮށްފަ އެވެ.

ހެރިޓޭޖް މިނިސްޓްރީއިން ވިދާޅުވީ، އަމާޒަކީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ފުރިހަމަ ޒަމާނީ ކޮމްޕްލެކްސްއެއްގެ ގޮތުގައި ތަރައްޤީކުރުން ކަމަށެވެ. އެގޮތުން މި ކޮމްޕްލެކްސްގައި ދާރުލްއާސާރަކާއި، ބޮޑެތި ޖަލްސާތައް ބޭއްވޭނެ މަލްޓި ޕާޕަސް ހޯލަކާއި އަދި ސުވެނިއަރ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ހިންގުމަށްވަނީ ނިންމާފައެވެ.

ތާރީހީގޮތުން ފާހަގަކުރެވޭ އުތީމުގައި ދާރުލް އާސާރެއް ތަރައްގީކުރަން މިއަހަރުގެ ބަޖެޓްގައި މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ބަޖެޓްގައި ޖަހާފަ އެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ހެރިޓޭޖް ޓްރަސްޓް ފަންޑުންނެވެ.

މިހާރުވެސް ކޮންމެ އަހަރަކު ގިނަ ބަޔަކު އެރަށުގެ ތާރީހީ ބިނާތައް ބަލާލުމަށް އަންނަނީ ޒިޔާރާތްކުރަމުންނެވެ.