ޗައިނާގެ ޕްރޮޕެގަންޑާ ފަތުރަން ޓްވިޓާގައި ފޭކު އެކައުންޓުތަކުގެ ލަޝްކަރެއް

CF7E20EF-3192-4A14-8D3A-907D18BF38FD

ޗައިނާއަށް ޓްވިޓާގައި ބާރު ލިބުނީ އެ ގައުމުގެ ސަރުކާރުގެ ޕްރޮޕެގަންޑާ ފަތުރާ ފޭކް އެކައުންޓުތަކަކުން ކަމަށް އޮކްސްފޯޑު ޔުނިވާސިޓީގެ އިންޓަނެޓް އިންސްޓިޓިއުޓް އިން ބުނެފިއެވެ.

އެސޯސިއޭޓެޑް ޕްރެސް އާއި އޮކްސްފޯޑު ގުޅިގެން ކުރި މި ދިރާސާއަކީ ހަތް މަސް ދުވަހުގެ މުއްދަތަކަށް ކުރި ދިރާސާއެކެވެ. މި ދިރާސާގައި ބުނެފައިވާގޮތުގައި ޗައިނާގެ މި ފޭކް އާމީ އިން އެ ގައުމުގެ ޑިޕްލޮމެޓުން ޓްވީޓުތައް ރީޓްވީޓު ކުރެއެވެ. އެހެންކަމުން ގިނަ ބަޔަކަށް އެ މައުލޫމާތު ފޯރުވެއެވެ. އެ އެކައުންޓުތަކުން މި މައުލޫމާތުތައް ޝެއާ ކުރަނީ އެއީ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ އެކައުންޓުތައް ކަން ހާމަ ނުކޮށެވެ.

މި ދިރާސާ ކުރެވުނީ ޓްވިޓާއިން އެ ކުންފުނީގެ މައުލޫމާތުތައް ދިރާސާތަކަށް ދޭން ފެށުމުންނެވެ.

ޗައިނާގެ ޑިޕްލޮމެޓުންގެ ތެރެއިން ޓްވިޓާގައި އެންމެ މަޝްހޫރު އެކަކީ ޔޫކޭގެ އެމްބެސެޑަރުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި ލިއު ޒިއޯމިންއެވެ. އޭނާގެ ޓްވިޓާ ފޮލޯވަރުންގެ އަދަދު ވަނީ 119،000 އަށް އަރައިފައެވެ.

ޓްވިޓާއަކީ ޗައިނާގައި ބޭންކޮށްފައިވާ އެއްޗެކެވެ. ނަމަވެސް ޑިޕްލޮމެޓުން އެ ޕްލެޓްފޯމު ބޭނުންކުރަނީ އެމީހުންގެ ޕްރޮޕެގަންޑާ ފަތުރަން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

އޮކްސްފޯޑުގެ ދިރާސާއިން ދައްކާގޮތުގައި ލުއިގެ ޓްވީޓުތައް އެންމެ ގިނައިން ރިޓްވީޓް ކޮށްފައި ހުރީ ގަވާއިދާ ހިލާފުވެގެން ޓްވިޓާއިން ބޭންކޮށްފައިވާ އެކައުންޓުތަކުންނެވެ. އަދި ޗައިނާގެ ޑިޕްލޮމެޓުންގެ ތެރެއިން ކޮންމެ މީހެއްގެ ޓްވީޓުގެ 10 ރިޓްވީޓުން އެއް ރިޓްވީޓަކީ ޓްވިޓާއިން ބޭންކޮށްފައިވާ އެކައުންޓަކުން ކޮށްފައިވާ ރިޓްވީޓުކަން ވަނީ ފާހަގަކުރެވިފައެވެ.

ޓްވިޓާއިން ފޭކް އެކައުންޓުތައް ބޭން ކުރުމުންވެސް ޗައިނާގެ ޑިޕްލޮމެޓުން ނުހުއްޓުވުނެވެ. އެ މީހުން ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން ކަމަށް ބުނެ ގިނަ އަދަދެއްގެ ފޭކް އެކައުންޓުތަކެއް އަނެއްކާވެސް ހުޅުވައިފައެވެ. މި އެކައުންޓުތައް ވެސް މިދިޔަ މަހު ވަނީ ޓްވިޓާއިން ބޭންކޮށްފައެވެ.

މިހާތަނަށް ދުނިޔޭގެ 126 ގައުމެއްގައި އުޅުއްވާ 270 ޗައިނާ ޑިޕްލޮމެޓުން ޓްވީޓާ ބޭނުން ކުރައްވައެވެ. އަދި ޗައިނާގެ ސްޓޭޓް މީޑިއާއާއެކު 449 އެކައުންޓެއް އެމީހުން ކޮންޓްރޯލް ކުރެއެވެ.

ޓްވިޓާގައި ގިނަ ބަޔަކަށް މައުލޫމާތު ފޯރުކުރެވޭނީ ރިޓްވީޓުތަކާއި ލައިކްތައް ގިނަވި ވަރަކަށެވެ. އެހެންކަމުން މީގެ ފައިދާ ނަގައި ޗައިނާގެ ޑިޕްލޮމެޓުން އެ ގައުމުގެ ސަރުކާރުގެ އަމިއްލަ ޕްރޮޕެގަންޑާ ފަތުރާ ކަމުގެ ތުހުމަތުތައް ކުރިންވެސް ވަނީ ކޮށްފައެވެ. ނަމަވެސް މިއީ މިކަމުގައި ޑިޕްލޮމެޓުންގެ އަތެއްވާކަމުގެ ހެކި ފެނިފައިވާ ފުރަތަމަ ދިރާސާއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *