ޗައިނާގެ ޔުނާން ޕްރޮވިންސުން 180 މިލިއަން އަހަރުވެފައިވާ ސާރެއްގައި ކަށިތަކެއް ފެނިއްޖެއެވެ.

މި ކަށިތައް ފެނިފައިވަނީ ސާރުތައް ދިރާސާ ކުރާ "ޕޭލިއެންޓޮލޮޖިސްޓުން"ނަށެވެ. އެ މީހުން ބުނެފައިވާގޮތުގައި ސާރުގެ 70 އިންސައްތަ ކަށިތައް ވަނީ ފެނިފައެވެ.

Ad
rt

މި ސާރުގެ ދިގުމިނުގައި އަށް މީޓަރު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު މި ސާރު ދުނިޔޭގައި ދިރިހުރީ ޖުރާސިކް އިރުގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ މީގެ 145 މިލިއަން އަހަރާއި 201 މިލިއަން އަހަރު ކުރިއެވެ.

ސާރުގެ ކަށިތައް ފެނިފައިވާ ސަރަހައްދުން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު އެ ގައުމުގެ ރިސާޗް ސެންޓަރުން އަންނަނީ ކުރަމުންނެވެ. އެއީ އެ ސާރުގެ ބާކީ ހުރި ކަށިތަކަށް ގެއްލުން ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ރިސާޗު ސެންޓަރުން ވަނީ ބުނެފައެވެ.

އެ ސެންޓަރުން ބުނެފައިވާގޮތުގައި މި ސާރުގެ ކަށިތަކަކީ ގައުމީ ތަރިކައެވެ. އަދި މިހާ ގިނަ ކަށި ގުޅިފައިވާ ސާރުތަކުގެ ފޮސިލްތައް ފެނިފައިވަނީ ވަރަށް މަދުން ކަމަށާއި އެހެންކަމުން މި ސާރުގެ ރައްކާތެރިކަން ވަރަށް ބޮޑަށް ބަލަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ޕޭލިއެންޓޮލޮޖިސްތުން ކުރި ދިރާސާތަކުން މިއީ ލުފެންގޮސޮރަސް ކިޔާ ބާވަތުގެ ސާރެއް ކަމަށް ބެލެވެއެވެ.