ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި، ނިޔާވީ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އެމީހާ ނިޔާވީ ހެނދުނު 9:33 ގައެވެ.

Ad
rt

މިއީ މިއަދު ނިޔާވި ދެވަނަ މީހާއެވެ. މިއަދު ފުރަތަމަ ނިޔާވީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެމީހާ ނިޔާވީ ރޭ މެންދަމު 12:19 ގައެވެ.

ރާއްޖެއިން ކޯވިޑް ބަލީގައި އިތުރު ދެ މީހަކު ނިޔާވުމުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 187 އަށް އަރާފައެވެ.

މިއަދު އިތުރަށް މިބަލީގައި ދެ މީހަކު ނިޔާވުމުން، މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 27 އަށް އަރާފައެވެ.

ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހަކީ ވެސް މިދިޔަ މޭ މަހެވެ. އެމަހު 88 މީހަކު މިބަލީގައި ނިޔާވިއެވެ.

ރާއްޖެއިން އިއްޔެ މިބައްޔަށް ޕޮޒިޓިވްވީ 412 މީހެކެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 239 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 162 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 11 ވަނީ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭއިން މިހާތަނަށް 67،950 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 19،670 މީހުން ތިބިއިރު، މިހާތަނަށް 48،086 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 166 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.