ޖޫން 1 ވަނަ ދުވަހުގެ ރޭ ކޯވިޑް ބަލީގައި ނިޔާވި ފާޠިމަތު މިޝްކާ މުހައްމަދުގެ މަރާއި ގުޅިގެން ތެދުނޫން މަޢުލޫމާތު ނުފެތުރުމަށް ޢާއިލާއިން އެދިއްޖެއެވެ.
މިޝްކާގެ ޢާއިލާއިން މިގޮތަށް އެދިފައި ވަނީ، މިޝްކާގެ ބައްޕަ މުޙައްމަދު އަޙްމަދު ސޮއިކޮށް، މިޝްކާގެ އާއިލާގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، މިޝްކާގެ ހިތާމަވެރި މަރާއި ގުޅިގެން ސޯޝަލްމީޑިއާ އާއި ނޫސްތަކުގައި ތަފާތު ވާހަކަ ދައްކައި ތެދުނޫން މަޢުލޫމާތު ޝާއިރު ކުރާ ކުރުން ކުށްވެރިކުރާ ކަމަށެވެ.
މިހިނދުގައި އާއިލާއިން ޤާނޫނީ ލަފާހޯދަމުން ދިޔަނަމަވެސް އެއްވެސް ވަކީލަކު ނުވަތަ ލޯ ފާމެއް އައްޔަނުކޮށްފައި ނުވާނެ ކަމަށް ވެސް މިޝްކާގެ ޢާއިލާ އިން ވަނީ ބުނެފައެވެ.
"މިއީ، އާއިލާއަށް ފޫނުބެއްދޭނޭ ވަރުގެ ހިތާމަޔަކާ ކުރިމަތިވެފައި ވާވަގުތެއްކަން ޤަބޫލުކޮށް އާއިލާއަށް އިތުރު ހިތްދަތިކަމާއި ތުރާލަކަށް ވާފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް ވަރަށް އަދަބުވެރިކަމާއެކު އެދެމެވެ. އިންސާނިއްޔަތުކަން އިސްކުރައްވައި، މާތް ﷲ ޞުބްޙާނަ ވަތަޢާލާގެ ހަޟުރަތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމާއި މިޝްކާގެ ފުރާނައަށް ފާފަ ފުއްސަވައި ހެޔޮރަޙްމަތް ލެއްވުން އެދި ދުޢާކޮށްދެވުން އެދެމެވެ." މިޝްކާގެ ޢާއިލާއިން ބުނެފަވެއެވެ.
ކޯވިޑް ބަލީގައި މާލޭ ސިޓީގެ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމާޖެންސީގައި ފަރުވާ ދެނިކޮށް ޖޫން 1 ވަނަ ދުވަހުގެ ރޭ ނިޔާވި ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ފާޠިމަތު މިޝްކާ މުހައްމަދަކީ ކޯވިޑަށް ޕޮޒިޓިވްވުމުން ގޭގައި ކަރަންޓީނުގައި ހުރި ކުއްޖެކެވެ. މިޝްކާގެ ހާލު ގޯސްވެގެން ގުޅުމުން މިޝްކާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ދެވުނީ، ޢާއިލާއިން ގުޅިތާ 2 ގަޑިއިރާއި 40 މިނެޓްފަހުން ނެވެ.
އެ މައްސަލާގައި އިހުމާލު އޮތް ކަމަށް އެއްބަސްވެ، ހެލްތު މިނިސްޓްރީން ވަނީ މިޝްކާގެ ފަރުވާ ބޮޑުތަނުން ލަސްވި މައްސަލައިގެ، ރިވިއު ރިޕޯޓެއް ވެސް އާންމުކޮށްފައެވެ. އެ ރިޕޯޓުގައި އިހުމާލާއި، ކަންބޮޑުވާ އެތައް ކަމެއް ހުރިއިރު، އެ މައްސަލައާއި ގުޅިގެން ފިޔަވަޅުއަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!