ހދ. ފިނޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއްކަމުގައިވާ ވީއެސްއާރުސީގެ ފަރާތުން އިންތިޒާމް ކޮށްގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހާއްސަ ހަރަކާތެއް ފަށައިފިއެވެ.
މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ވީއެސްއާރުސީގެ ވައިސް ޕްރެޒިޑެންޓް ހުސެއިން ނާޝިދު ބުނެފައިވަނީ މި ހަރަކާތް ކުރިއަށް ގެންދިމަށް ރާވާފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މި ހަރަކާތުގައި ބޭނުންކުރެވޭ ފަންޑުފޮށި ކޮންމެ ދުވަހެއްގެ ހަވީރު ރަށުގެ އެކި ސަރަހައްދު ތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނާޝިދު އިތުރަށް ބުނެފައިވަނީ މި ފަންޑަށް އެ ކުލަބުގެ ބޯޑު މެމްބަރުންގެ އެއް ދުވަހުގެ މުސާރަ ލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ހިންގޭ ފަންޑްރައިޒް އިވެންޓްގައި ރަށުގެ ވީހާވެސް ގިނަބަޔަކު ބައިވެރިވެ އެހީތެރިކަން ފޯރުކޮށް ދެއްވުމަކީ އެ ކުލަބުގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ނާޝިދު ވަނީ ފާހަގަ ކޮށްފައެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 06 ޖޫން 2021 އިން ފެށިގެން 13 ޖޫން 2021 ގެ ނިޔަލަށެވެ. މި ހަރަކާތުން ލިބޭ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ފަރާތުން ފަލަސްތީން އެހީވުމަށް ފަށައިފައިވާ ކެމްޕޭންގައި ހާއްސަކުރެވިފައިވާ އެކައުންޓަށެވެ.
މި ކުލަބަކީ 16 ފެބްރުއަރީ 2015 ގައި ރަޖިސްޓަރީ ކުރެވިގެން ތަފާތު ދާއިރާތަކުން ފިނޭގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ކުލަބެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!