ރާއްޖޭގެ ގުދުރަތީ މާހައުލުތަކާއި ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް، މިހާރުން މިހާރަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ދިހަ ޖަމިއްޔާއަކުން ގޮވާލައިފިއެވެ.
އެ ޖަމިއްޔާތަކަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސް، ލޭންޑް ސީ މޯލްޑިވްސް، ކޮންވާޓިން އެންވަޔަރަންމަންޓް، ޒީރޯ ވޭސްޓް މޯލްޑިވްސް، ދަ މޯލްޑިވްސް ރީސައިލެންޓް ރީފް ޕްރޮޖެކްޓް، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް، ސޭވް މޯލްޑިވްސް، އެކޯ ކެއާ މޯލްޑިވްސް، އަދި ސޭވް އަވަރ ވޭވްސް މޯލްޑިވްސްއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައި،މި ޖަމިއްޔާތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނީ މިއަހަރު ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރަންޖެހިފައި މިވަނީ ކޯވިޑް- 19އާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ބޮޑެތި ކާރިސާތަކުން ދުނިޔެއަށް ބޮޑު ނުތަނަވަސްކަމެއް ވެރިވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
އެ ޖަމިއްޔާތަކުން ބުނީ އަދުގެ ހާލަތު ނިޔާކުރާގޮތުގައި، ގުޅި ލާމެހިފައިވާ މި ގިނަގުނަ ކާރިސާ ތަކާބެހޭގޮތުން ހަމައެކަނި ވާހަކަދެއްކުމަކުން ފަރުޖެހެން ނެތް ކަމަށާއި، ކުރަންޖެހިފައިވާ ކަމަކީ މި ކަންކަމާ ބެހޭގޮތުން ވަރަށް ކެރިގެން ހަރުދަނާ ފިޔަވަޅުތަކެއް އަމަލީގޮތުން އެޅުން ކަމަށެވެ.
މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް ދިވެހިރާއްޖޭގައި ވީހާވެސް އަވަހަށް ކަނޑައަޅައި ތަންފީޒުކުރުމުގެ ބޭނުންތެރިކަން ވަރަށް ބޮޑުކަން ފާހަގަކޮށް އެކަމުގެ ސަބަބެއް ކަމަށް އެ ޖަމިއްޔާތަކުން ބުނީ، އެއީ މިވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގުނު ތަރައްޤީގެ މަޝްރޫއުތަކުން މާހައުލީނިޒާމަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބިފައިވާތީ ކަމަށެވެ. އަދި އެހެން އެކަން ހިނގާފައިވުމާއކު، މޫސުމަށް އަންނަ ބަދަލުތަކާއިއެކު ރާއްޖޭގެ ރަށްތަކުގައި ހީނުކުރާ ފަދަ ހަލުވި މިނެއްގައި ރަށް ގިރުމާއި އުދައެރުމުގެ ކާރިސާތައް ހިނގަމުން ދާކަމަށާއި، ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކާރިސާތައް ދާނީ އިތުރުވަމުން ކަމަށް އެ ބަޔާނުގައި ބުނެފަ ވެއެވެ.
މި ކާރިސާތަކުގެ ގެއްލުންތައް ފެނި އޭގެސަބަބުން އުފެދޭ ހިތްދަތިކަމާ، ނުތަނަވަސްކަމާ މާޔޫސްކަމުގެ އިހުސާސްތަކުން އުންމީދީ ހިތްވަރު ހޯދައި މިހާލަތު އެދެވޭމަގަކަށް އަނބުރާލުމަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅުތަށް އެޅުމުގެ އެންމެ މުނާސަބު ވަގުތަކީ މިއީކަން ފާހަގަކޮށް، ލިބެންހުރި ސައިންސްގެ މައުލޫމާތައް ރިއާޔަތްކޮށް، އަދު ޚިޔާރުކުރަންޖެހޭ މަގަކީ މާހައުލީ ނިޒާމުތައް ހިމާޔަތްކުރުމާއި، ހީނަރުވެފައިވާ ނިޒާމުތައް އަލުން އިޔާދަކުރުމަށް މަސައްކަތް ފެށުމާއި، ޤުދުރަތީވެށީގެ ނިޒާމުތަށް ދަމަހައްޓާ ރައްކާތެރިކުރުމުގެ މަގުކަމަށް ވެސް އެ ޖަމިއްޔާތަކުން ބުނެފަވެއެވެ.
"އަދު މުޅި ދުނިޔެ ގަބޫލުކުރާ ހަގީގަތަކީ މޫސުމީ ވިލުންވެރިކަން އިތުރުކުރުމަށް އޮތް ހައްލުތައް ލިބެންއޮތީ ގުދުރަތީ ވެށިންކަމެވެ. ދިވެހިރާއްޖެއަށް ލިބިފައިވާ ގުދުރަތީ ވަސީލަތްތަކާއި މާހައުލުތަކަކީ، ދިވެހިންގެ ދިރިއުޅުމަށާއި ގައުމުގެ ތަރައްގީއަށް އަގުހުރި އެއްޗެކެވެ. މި ވަސީލަތްތައް ބަލަހައްޓައި އަދުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު އުޅެވޭނެ މާހައުލެއް ފޯރުކޮށް ދިނުމަށް މިހާރުން މިހާރަށް ދިވެހިރާއްޖެއިން މަސައްކަތް ކުރަންޖެހެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ލިބެންހުރި ހެކިތަކަށް ބަލާއިރު ފެންނަންއޮތީ މާހައުލީ ނިޒާމުތަށް ހިމާޔަތްކޮށް ދެމެހެއްޓުމަށް ކުރެވޭ ޚަރަދަކީ މާލީގޮތުން އެންމެ ދެކޮޅުޖެހޭ ހޭދަކަމެވެ. އެހެންކަމުން، އަދު ކުރިމަތިލާން ޖެހިފައިވާ ގިނަގުނަ ކާރިސާތަކުން އަރައިގަތުމަށްޓަކާ މާހައުލީ ނިޒާމުތައް ހިމާޔަތްކުރުމަކީ މިކަން ކުރަންޖެހޭ އެންމެ ހެޔޮގޮތެވެ، އަދި އެންމެ ބުއްދިވެރި ގޮތްވެސްމެއެވެ. އެހެންކަމުން، ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ސާފު ވަޔާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، އަދި އާމްދަނީ ހޯދުމަށް އޭގެ މައްޗަށް ބަރޯސާވާ ދިވެހިރާއްޖޭގެ ގުދުރަތީ މާހައުލުތަކާއި ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް، މިހާރުން މިހާރަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަމެވެ." އެ ޖަމިއްޔާތަކުން ބުނެފަވެއެވެ.
ރާއްޖޭގައި "ކްލައިމެޓް އިމަރޖެންސީ ޤާނޫނު" ފާސްކުރެވިފައިވާކަން ފާހަގަކޮށް، ނަމަވެސް ތަރައްޤީގެ ނަމުގައި މާހައުލީ ނިޒާމުތަކާއި، ވެށިތަކާއި ޤުދުރަތީ ސިންދަފާތަކަށާ އެ ދިރުންތަކުގެ ވެށިތަކަށް ފުޅާދާއިރާއެއްގައި ކުރަމުންދާ ގެއްލުންތައް މިހާރުން މިހާރަށް ހުއްޓުވައިގެން ނޫނީ ދިވެހިރާއްޖޭގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ.
"އަދުގެ ޖީލަކީ ގޮތްކަނޑައަޅާ ކަން ނިންމަން ތިބި ޖީލުކަމަށްވާއިރު، އަދި މި ޖީލަކީ މިހާރުކަންކަން ދާމަގު މުޅިން އަނބުރާލައި ހަމަމަގަށް އެޅުވުމުގެ ޚާއްސަ ބާރެއް ލިބިފައިވާ ޖީލަކަށްވާއިރު، ރާއްޖޭގެ ރައްޔިތުންނާ ތިމާވެށީ ހިމާޔަތްކުރުމުގެ ޤާނޫނީ ޒިންމާ މި ޖީލުން އަދާކުރަން ޖެހެއެވެ." އެ ޖަމިއްޔާތަކުން ބުނެފަވެއެވެ.
އެޖަމިއްޔާތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާން:
Joint Press Statement: CSOs call on World Environment Day 2021 to protect our ecosystems.@presidencymv @MoEnvmv @EPAMaldives#ClimateActionNow #WED2021 pic.twitter.com/WX5G1AUSQs
— Transparency MV (@TransparencyMV) June 5, 2021
މ ބަޔާނުގައި އެ ޖަމިއްޔާތަކުން ވަނީ، ގިނަގުނަ ކާރިސާތަކާ ކުރިމަތިލާންޖެހި ދިވެހިރާއްޖެ ދެމި އޮތުމާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ކަމާގުޅޭ އެންމެހާ ފަރާތްތަކާއި އާންމު ރައްޔިތުން ހިމެނޭ ގޮތަށް، ހުރިހާ މަސްލަހަތުވެރިން އަތު ގުޅާ އެއްބާރުލުން ދިނުން ނުހަނު މުހިންމު ކަމަށް ވެސް ބުނެފައެވެ.
"މި ވަގުތުން ވަގުތައް ކޮންމެހެން ގެންނަން ޖެހިފައިވާ ބަދަލުތައް ގެނެވޭނެ ހަމައެކަނިގޮތަކީ މިކަމުގައި އެންމެންގެ ބައިވެރިވުން ލިބުމެވެ. އެހެންކަމުން، ސައިންސުގެ އިލްމީ ދިރާސީ ހޯދުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް އެންމެ ކައިރިން ފެނިދަންނަ ފަރާތްތަކުގެ މައުލޫމާތުތަކަށް ރިއާޔަތްކޮށް، ތިމާވެއްޓާއި ގުޅުން ހުރި އެންމެހާ ކަންކަމުގައި ދުރާލާ ރައްކާތެރިވުމުގެ ނުވަތަ ޕްރިކޯޝަނަރީ ޕްރިންސިޕަލްތައް ތަންފީޒުކުރުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ޞާލިހަށާއި، ވަޒީރުންގެ މަޖިލީހަށާއި، ރައްޔިތުންގެ މަޖިލީހަށް ގޮވާލަމެވެ. އަދި މިކަން ހާސިލްކުރުމަށްޓަކައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅުމަށާއި، އެ މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމަށް ކަމާބެހޭ ފަންނީވަސީލަތްތައް ފޯރުކުރުމަށާއި ގާނޫނީ ހައިސިއްޔަތު ދިނުމަށާއި، ތިމާވެއްޓަށް ގެއްލުންވާގޮތައް ހިންގާ ކުށްތަކާއި ޖަރީމާތައް މިނިވަންކަމާއެކު ބެލުމުގެ ފުރުސަތު މަގުފަހިކޮށް ދިނުމަކީ ދެބަސްވުމެއްނެތި ކުރަންޖެހޭ ކަމެއްކަމުގައި ފާހަގަކުރަމެވެ." އެޖަމިއްޔާތަކުން ބުނެފަވެއެވެ.
ޤުދުރަތީ ގޮތުން ސަލާމަތާ ރައްކާތެރިކަން ލިބިފައިވާ މުސްތަޤްބަލަކަށް ހުރިހާއެންމެން ވާސިލްވެ ރާއްޖޭގެ މި ޖަޒީރާ ރަށްތަކުގައި އެންމެންގެ މަސްލަހަތާ ދިރިއުޅުން އާރާސްތުކުރެވޭނެ ގޮތް ދެމެހެއްޓުމަށްޓަކައި، މައުނަވީ ހަރުދަނާ ޤުދުރަތާ އެއްކީލިވާ ސިޔާސަތުތަކެއް ފަސްނުޖެހި ނިންމާ ތަންފީޒުކުރުމަށް ވެސް އެ ބަޔާނުގައި އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!