ކޮވިޑް-19 ބަލީގެ އަލާމާތްތަކެއް ފެނި ށ.ކަނޑިތީމުގައި ފަރުވާދޭން ތިބި 2 ޑޮކްޓަރުންގެ ތެރެއިން އެކަކުގެ ސާމްޕަލް ނަގައި ނަތީޖައި ލިބެންދެން އެކަހެރި ކޮއްފިއެވެ.

މިދިޔަ މެއި މަހުގެ 10 ވަނަދުވަހު އެ ރަށުން ނެގުނު 5 ރެންޑަމް ސާމްޕަލް ގެ ތެރެއިން 4 ސާމްޕަލް ފައްސި ވުމައިގުޅިގެން މިވަގުތު މޮނިޓަރިން ގެ ހާލަތުގައި އޮތް ކަނޑިތީމުގައި މިހާތަނަށް 125 މީހުން ބައްޔަށް ފައްސި ވެފައިވެއެވެ.

Ad
rt

ކަނޑިތީމު ސިއްޙީ މަރުކަޒާއި ހަވާލުވެ ހުންނެވި މުޙައްމަދު ފަހީމް "ތިލަދުން" އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ އެ ރަށުގައި ބަލިމީހުން ބަލަމުން ގެންދިޔަ 2 ޑޮކްޓަރުންތެރެއިން އަކަކު ސާމްޕަލް ގެ ނަތީޖާ ލިބެންދެން އެކަހެރި ކުރެވިފަކަމަށެވެ. އަދި މިވަގުތު އެރަށުގައި ބަލިމީހުން ބަލަމުން ގެންދާ ޑޮކްޓަރު ސަލާމުގައި ހުރުމަށްފަހު މިއަދު މަސައްކަތަށް ނިކުމަތް ކަމަށާއި އަދި މިހާރު މަސައްކަތް ކުރަމުން އެގެންދަނީ އެ އަތޮޅު ފުނަދޫއިން ޑޮކްޓަރެއް ގެނެވޭތޯކަމަށް އޭނާ މައުލޫމާތު ދިނެވެ.

"މިވަގުތު މަސައްކަތްކުރަމުން މިގެންދަނީ ފުނަދޫއިން ޑޮކްޓަރަކު ގެނެވޭތޯ، ފޮނުވަންޖެހޭ ލިޔެކިއުންތައް ފޮނުވުވާނިމިއްޖެ. އެޗްޕީއޭގެ ހުއްދަ ލިބުމާއެކު މާދެން ހެނދުނުގެ ވަގުތެއްގައި މިކޮޅައް އާދެވޭނެ"

ފަހީމް ވިދާޅުވިއެވެ.

ހެލްތު ޕުރޯޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބުމާއެކު ޑޮކްޓަރު ގެނެވޭނެ އިންތިޒާމް ހަމަޖައްސާ އެއާގުޅޭ ލިޔެކިއުންތައް މިހާރު ނިމިފައިވާކަމަށާއި އަދި މިރޭއިން ފެޝިގެން ހުއްޓިފާވާ އައުޓް ޕޭޝަންޓް ޑިޕާޓްމެންޓް (އޯޕީޑީ) ގެ ޙިދުމަތް އަލުން ފެށޭނެކަމަށްވެސް މި ނޫހަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ރަށް ފުރަބަންދު ކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށް ކޭސްތައް މަދުކުރެވި އާންމު ހާލަތަށް އިޔާދަކުރުމުގެ މަސައްކަތުގައި ރަށު ކައުންސިލާއި، ރައްޔިތުން އަދި އެ ރަށު ސޯޝަލް ސަޕޯޓު ޑެސްކް (އެސްއެސްޑީ) ގައި ވޮލެންޓީއާކުރައްވާ ފަރާތްތަކުން ދެއްވި އެއްބާރުލުން ފާހަގަކުރައްވައި ފަހުމީ ވަނީ އެފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

100 މަތިން މީހުން ފައްސިވި ކަނޑިތީމުގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނައިރު އެ ރަށުގައި މަސައްކަތް ކުރަމުން އައީ ހެލްތު ސެންޓަރުގަ ލިމިޓެޑް ސްޓާފުންނާއެކުއެވެ. އެ ފަރާތްތަކުން ވެލެއްވި ޤުރުބާނީވެސް ފާހަގަކުރައްވާ ފަހީމް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ބަލީގާ އުޅެންޖެހޭ ހާލު އިހުސާސް ކުރެވުނީ މި ވަރަށް ކަންކަން ގޯސް ވުމުން ކަމަށް ފާހަގަ ކުރައްވަމުން ފަހީމް ވަނީީ އަތޮޅުތަކުން މާލެދަތުރު ކުރާ ދޯނި ފަހަރުގައި އުޅޭ ފަރާތްތަކުން ބައްޔަށް ސަމާލުވުމަށް ނަސޭހަތްތެރި ވެލައްވާފައެވެ. އަދި އޭނާ ވަނީ ބަލި ފެތުރުނަ ނުދީ ކުރެވެން ހުރި ހުރިހާ ކަމަކަށް ކުރިޔާލާ ތައްޔާރުވެ ތިބުމަށް އެހެން ރަށްރަށަށް އިލްތިމާސް ކުރައްވާފައެވެ.

ކަނޑިތީމު ސިއްޙީ މަރުކަޒުން ހާމަކުރި މައުލޫމާތުގައި ބުނާގޮތުން މިވަގުތު އެ ރަށުގައި 48 އެކްޓިވް ކޭސް އެބަ ތިއްބެވެ. އަދި ފައްސިވި މީހުންގެ ތެރެއިން 77 މީހަކު މިބަލިން މިހާރު ރަނގަޅުވެފައި ވާކަމަށްވެސް އެފަރާތުން ހާމަކުރިއެވެ.

އެ ރަށުގައި މިހާތަނަށް ޖުމްލަ 871 މީހުން ހޯމް ކަރަންޓީން ކުރެވިފާވީއިރު މިވަގުތު ހޯމް ކަރަންޓީނުގައި ތިބީ 176 މީހުންނެވެ. އެރަށުން ކޮވިޑްގެ ކޭސްތައް ފުރަތަމަ ފެނުނު ހިސާބުން މިހާތަނަށް ޖުމްލަ 1106 ސާމްޕަލް ނެގިފައިވެއެވެ. މިރަށުން އިތުރު މީހަކު ޕޮޒޓިވް ނުވާތާ ދެތިން ދުވަސް ވެއްޖެ އެވެ.

ށ. އަތޮޅުގެ ގިނަ ރަށްތަކެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފާ ވާއިރު އެ އަތޮޅުން ކޮވިޑްގެ ޙާލަތު އެންމެ ގޯސްކޮށް ދިޔައީ ކަނޑިތީމުގައެވެ. ނަމަވެސް މިހާރު އެ ރަށުގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވެފާވައި ކަމަށް އެރަށު ސިއްޙީމަރުކަޒުން ހާމަކުރިއެވެ.