ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން ޒުވާން އުމުރުގެ މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެކެވެ. އެ ޒުވާނާއަކީ ގއ. ދާންދޫއަށް ނިސްބަތްވާ މީހެކެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވީ އެރަށުގައި ހުއްޓައެވެ.

Ad
rt

އޭނާ މާލެ ގެނައީ އެބަލީގައި ހާލު ގޯސްވުމުން އިތުރު ފަރުވާއަށެވެ. އޭނާ ނިޔާވީ ރޭ ފަތިހު ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 181 ވަނަ މީހާއެވެ. އަދި މިއަދު ނިޔާވި 3 ވަނަ މީހާއެވެ. މިބަލީގައި ދެން މިއަދު ނިޔާވީ ވެސް ދެ އަންހެނުންނެވެ. އެއީ އުމުރުން 79 އަހަރުގެ މީހަކާއި، 72 އަހަރުގެ މީހެކެވެ.

މިއާއިއެކު މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު މިވަނީ 19 އަށް އަރާފައެވެ.

ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހަކީ ވެސް މިދިޔަ މޭ މަހެވެ. އެމަހު 88 މީހަކު މިބަލީގައި ނިޔާވިއެވެ.

ރާއްޖޭއިން މިހާތަނަށް 66،948 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 21،032 މީހުން ތިބިއިރު، މިހާތަނަށް 47،730 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 213 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.