މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްގައި ވާދަކުރުމުގެ ފުރުޞަތު ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާޤް (ނަބާހާ) އަށް ލިބިއްޖެއެވެ.
ޓްރައިޕާޓައިޓް ސްލޮޓެއްގައި ނަބާހާއަށް އޮލިމްޕިކްސްގެ ޖާގައެއް ލިބިގެން ގޮސްފައިވާއިރު، ނަބާހާ ވެގެން ގޮސްފައިވަނީ ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުޞަތު ރާއްޖެއިން ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާއަށެވެ.
މީގެކުރިން ބެޑްމިންޓަނުން އޮލިމްޕިކްސް ގޭމްސްގައި ރާއްޖެއިން ވާދަކުރުމުގެ ފުރުޞަތު ލިބިފައިވަނީ ގިނައަހަރު ތަކެއްވަންދެން ރާއްޖޭގެ އެއްވަނަ ފިރިހެން ބެޑްމިންޓަން ކުޅުންތެރިއާގެ ގޮތުގައިހުރި މުޙައްމަދު އަޖުފާނެވެ. އޭނާވަނީ 2012 ވަނަ އަހަރު ބޭއްވި ލަންޑަން އޮލިމްޕިކްސް ގޭމްސްގައި ވާދަކޮށްފައެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ބެޑުމިންޓަން ދެ ކުޅުންތެރިންނަކީ އެއްމާބަނޑު ދެބެން ކަމުގައިވާ ނަބާހާ އާއި ނަބީހާއެވެ. މިގޮތުން މި ދެ ކުޅުންތެރިން ވަނީ ވަކިންނާއި އަދި އެކުގައި ވެސް ރާއްޖޭގައްޔާއި އަދި ރާއްޖެއިން ބޭރުގައި ގިނަގުނ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން ރާއްޖެއިން ބޭރުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލައިލާއިރު 2019 ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ވިމެންސް ޑަބަލްސް ގޯލްޑް މެޑަލް ވަނީ ނަބާހާ އަދި ނަބީހާ ހޯދާފައެވެ. އަދި ހަމަ އެ މުބާރާތުގެ މިކްސް ޑަބަލްސް ބައިން ގޯލްޑް މެޑަލް ނަބާހާ ވަނީ ހޯދާފައެވެ.
2020 ވަނަ އަހަރު ބެޑްމިންޓަން ވޯލްޑް ފެޑްރޭޝަން (ބީޑަބްލިއުއެފް) އިން އާންމުކުރި އަންހެން ޑަބަލްސް ރޭންކިންގެ 96 ވަނާގައި ނަބާހާ އަދި ނަބީހާގެ ޕެއާވަނީ ހިމެނިފައެވެ. މިއީ ބެޑްމިންޓަންގެ ދުނިޔޭގެ ރޭންކިންގެ ގަދަ ސަތޭކައިގެ ތެރެއަށް ވަތް ފުރަތަމަ ދިވެހި ދެ ކުޅުންތެރިންނެވެ.
ތިލަދުން ނޫހާއި ވާހަކަ ދައްކަމުން ނަބާހާ ބުނެފައިވަނީ ފާއިތުވި ތަނުގައި ކުރެވުނު ބުރަމަސައްކަތާއިއެކު އޮލިމްޕިކްސް ގޭމްސްއިން ޖާގަ ލިބިގެން ދިއުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. މިއަދު މި ހިސާބަށް އާދެވުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. މިގޮތުން މި ކުޅިވަރަށް ހުސްވެގެން ހުރެވުމުގެ އަސްލަކީ އާއިލާއުން ދޭ ސަޕޯޓްކަމަށެވެ. އަދި މި ކާމިޔާބީގައި ނަބީހާގެ ވަރަށް ބޮޑު ސަޕޯޓެއް ވާ ކަމަށެވެ. ވުމާއެކު ނަބާހާ ވަނީ އާއިލާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން މިހިސާބަށް ވާސިލްވުމުގައި ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނާއި، ރާއްޖޭގެ އޮލިމްޕިކް ކޮމެޓީން ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ނަބާހާވަނީ އެފަރާތްތަކަށް ވަރަށް ހާއްޞަ ޝުކުރެއް އަދާކޮށްފައެވެ. މީގެއިތުރުން މި ޝުކުރުގައި އެކިގޮތްގޮތުން އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތައް ނަބާހާވަނީ ޝާމިލް ކޮށްފައެވެ.
23 ޖުލައި 2021 އިން 08 އޯގަސްޓް 2021 ގެ ނިޔަލަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސްގައި މި އަހަރު ރާއްޖޭގެ ދިދަ އުފުލާނީ ނަބާހާ ކަމުގައި ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.
މި މުބާރާތަކީ ފާއިތުވެދިޔަ 2020 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ މުބާރާތެވެ. ނަމަވެސް ކޯވިޑް-19 ބަލިމަޑުކަމުގައި ދުނިޔެއަށް ދިމާވި އުނދަގޫ ހާލަތުގެ ސަބަބުން މި މުބާރާތް ފަސްކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ނިންމައި، މިހާރު މިވަނީ މި އަހަރުގެ ޖުލައި މަހު ފެށުމަށް ތާވަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!