2013 ވަނަ އަހަރުން 2015 ވަނަ އަހަރަށް ރެއާލްއަށް ކޯޗުކޮށްދިން ކާލޯ އެންޗެލޯޓީ އަނެއްކާވެސް ރެއާލުގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.

އެންޗެލޯޓީ ރެއާލްގެ ކޯޗުކަމާއި ހަވާލުވުމުގެ ފުރުޞަތު ލިބުމާއިއެކު އޭނާ ކޯޗުކޮށްދެމުން އައި ޕްރިމިއާ ލީގުގެ ޓީމެއް ކަމަށްވާ އެވަޓަންގެ ކޯޗުކަމުން ވަނީ އަންގާރަ ދުވަހު ވަކިވެފައެވެ. އެންޗެލޯޓީ ވަނީ އެވަޓަންއިން ވަކިވެފައި މިވަނީ 18 މަސްދުވަހު އެ ޓީމަށް އިރުޝާދު ދިނުމަށް ފަހުއެވެ.

Ad
rt

އެންޗެލޯޓީ ރެއާލާއި މިފަހަރު ހަވާލުވެފައި މިވަނީ ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. އެންޗެލޯޓީ މި މަޤާމަށް ހަމަޖައްސާފައި މިވަނީ އެ ޓީމްގެ ކޯޗުކަމުގައި ހުރި ޒިދާން ކުލަބާއި އޭނާއާއި ދޭތެރޭއޮތް އިތުބާރު ގެއްލިފައިވާ ކަމަށްބުނެ ނިމިދިޔަ ހަފްތާގެ ތެރޭގައި އެ ޓީމް ދޫކޮށްލުމާއި ގުޅިގެންނެވެ.

އުމުރުން މިހާރު 61 އަހަރު ވެފައިވާ އެންޗެލޯޓީ ރެއާލްގައި ކުރިން ހޭދަކުރި ތިން އަހަރެއްހާ ދުވަހު ވަނީ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައި ދީފައެވެ. މިގޮތުން އޭނާވަނީ ސްޕެނިޝް ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ރެއާލް އަށް ކާމިޔާބު ކޮށްދީފައެވެ.

އެންޗެލޯޓީވަނީ އޭނާ އިރުޝާދުދިން އެވަޓަންގެ ކުޅުންތެރިންނަށާއި އެ ޓީމްގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އިތުރަށް އޭނާ ބުނެފައިވަނީ މި ނިންމުން މިގޮތަށް ނިންމާފައި މިވަނީ މިއީ މިވަގުތު އޭނާއަށް އެންމެ ރަނގަޅު ގޮތްކަމުގައި ޤަބޫލްކުރެވޭތީ ކަމަށެވެ. އެންޗެލޯޓީއަކީ ކޯޗުން ކެރިއާގައި ކާމިޔާބު ކޯޗެކެވެ. މިގޮތުންބަލާއިރު ޗެމްޕިއަންސް ލީގު ކޯޗެއްގެ ގޮތުގައި ކާމިޔާބު ކޮށްފައިވާ ތިން ކޯޗުންގެ ތެރޭގައި އޭނާ ހިމެނެއެވެ. އެންޗެލޯޓީ އޭސީ މިލާނާއިއެކު ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާއިރު އޭނާ ވަނީ 2014 ވަނަ އަހަރު ރެއާލްއަށް 10 ވަނ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފައެވެ.