މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 'ނަފްރަތުގެ އަމަލު'ގެ ބިލުން މަޤްޞަދު ހާސިލުނުވާނެކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ މުސްލިމަކާ ދިމާއަށް ކާފަރެއް ކަމަށް ބުނުމާއި ވަކި މީހަކީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމުގެ އިތުރުން އިސްލާމީ އަގީދާއާ ގުޅުވައިގެން މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އެ ބިލަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
މިބިލާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ޤަރާރެއްގައި ބުނެފައިވަނީ ދީނާ ގުޅުން ހުރި ކަންކަމުގައި ދީނީ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކަށް ބަސް ބުނުމުގެ ފުރުސަތު ގެއްލިގެންދާ ގޮތަށް އަޅާ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލް އޮތް ގޮތުން މުޖުތަމައުގައި ހަމަޖެހުން ގާއިމުކުރަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށްވެސް އަދާލަތުގެ ޤަރާރުގައި ބުނެފައިވެއެވެ.
އަދާލަތު ޕާޓީން ބުނިގޮތުގައި، އެ ބިލާ މެދު އެ ޕާޓީގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށް، ހައްލު ހޯދުމަށާއި އިސްލާމްދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތް ކުރުމާ އެކު، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކަށް އެކަން ކުރަން ގޮވައިލަ އެވެ.
Adhaalath Partyge Mashvara Majlihuge 3 vana dhauruge 3 vana badhdhaluvumuge ithifaaqun faas kuruvunu qaraar:
Nafrathuge amalu bayaankoh rayyithunge majlisah hushahalhaafivaa bill aa gulheygothun Adhaalath Party in nerey Qaraaru: https://t.co/dVFjjRpYLv
— Adhaalath Party (@AdhaalathOffice) June 2, 2021
ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ 3 ކަމަކަށް އިޤުރާރުވެފަ އެވެ.
1 25 .މެއި 2021 ވަނަ ދުވަހު، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙުގެނައުމަށް ހުށަހަޅާފައިވާ ބިލުގެ 1 ވަނަ އިޞްލާޙުގައި އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އަދި (ii) އާމެދު ޢަދާލަތު ޕާޓީގެ ކަންބޮޑުވުންތަކަށް ސަރުކާރާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއެކު މަޝްވަރާކޮށް ޙައްލުހޯދުމަށާއި،
2 .ނަފްރަތުގެ ޢަމަލު’ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް ބަޔާންކުރާނަމަ، މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ މަޞްލަޙަތަށް ރިޢާޔަތްކުރުމަށާއި އަދި އެކަމަށްޓަކައި އދ ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ބަލައިގެންފައިވާ ހަމަތަކާއި، ކަމާގުޅޭ ޢިލްމީ ދިރާސާތަކުގެ މައްޗަށް ރިޢާޔަތްކޮށް ދީމުޤްރާތީ މުޖުތަމަޢުތަކުގައި ގެންގުޅޭ ހަމަތަކަށް ފެތޭ ގޮތަށް އެކަން ކުރުމަށް ގޮވާލުމަށާއި،
3 .ނަފްރަތުގެ ޢަމަލުތަކާއި އިސްވެ ބަޔާންކުރެވުނު ބިލު އިތުރަށް ދިރާސާ ކޮށް އަދާލަތު ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ހޭލުންތެރި ކުރުމަށެވެ.
ހިސާން ހުށަހެޅުއްވި ބިލާ އެކު އަމާޒުވި ގިނަ ފާޑުކިޔުންތަކާ އެކު ސަރުކާރުން ވަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ކުށް އިތުރަށް ބަޔާންކޮށްދޭން ބިިލެެއްވެސް މަޖިލީހަށް ހުށަހެޅުމަށް ނިންމާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!