ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނު ގެ 7 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ކަނޑައެޅުމާއި ބެހޭ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްލާހު ގެންނަވައިފިއެވެ.
މި ގަރާރަށް ރައީސް އިސްލާހު ގެންނެވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ މަޑުޖެހުމަށް ރިޢާޔަތްކޮށް އަދި މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަތްކޮށެވެ.
އެގޮތުން، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، މަނާ ކުރާ ތާރީހަކީ 31 ޑިސެންބަރު 2021 ކަމުގައި ވަނީ ކަނޑައަޅުއްވައިފައިވާއިރު، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ބުއިންތައް ވަކި ކުރުމަށްފަހު، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި އެތެރެކުރުން މަނާވާނީ 01 ޖޫން 2022 ގައި ކަމަށް ކަނޑައަޅުއްވައިފިއެވެ. އެހެންމެ، 50 މިލިލީޓަރާއި، އެއަށްވުރެ ކުދި ކޮންޑިޝަނަރ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ލިސްޓަށް އިތުރުކޮށް، 2022 އިން ފެށިގެން 200 މިލިލީޓަރާ ހަމަޔަށް ހިމެނޭ ކުދި ކޮންޑިޝަނަރ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ތަކެތީގެ ތެރޭގައި ހިމަނުއްވައިފައެވެ.
އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ގެނައި އެ އިސްލާހާ އެކު އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އާންމު ކުރައްވާ ލިސްޓެއްގައި ހިމެނޭ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭނެ އެވެ. މި އިސްލާހުގެ ދަށުން، މި އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ޕްލާސްޓިކްގެ 12 ބާވަތެއް ކަނޑައަޅައި މީގެކުރިން ވަނީ އާންމުކޮށްފަ އެވެ.
2021 ވަނަ އަހަރުގެ ޖޫން އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތި:
- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާ ތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ކޮފީ ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ،އަދި ލޯޝަން ފުޅި
- 500 މިލިލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
އަންނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު އަދި 50 މިލިލީޓަރާއި 200 މިލިލީޓަރާ ދެމެދުގެ ޝޭމްޕޫ އަދި ސައިބޯނި ފުޅި ރާއްޖެ އެތެރެކުރުން މަނާވާނެއެވެ. 2023 ޑިސެންބަރ އިން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި ޕެޓް ފުޅީފައި ބަންދުކޮށްފައި ހުންނަ ފެން ވެސް ރާއްޖެ އެތެެކުރުން މަނާވާނެއެވެ.
މިއަދުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން މަނާ ތަކެތި އެތެރެކުރުމުގެ ސުންގަޑިއަށް ވަނީ ބަދަލު ގެނެސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!