ކޯވިޑް ބަލީގައި ޒޯން "ބީ" ރީޖަނަލް ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ރ. ހުޅުދުއްފާރު މީހަކު ނިޔާވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ޒޯން "ބީ" ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ރ. ހުޅުދުއްފާރަށް ނިސްބަތްވާ މީހަކު ނިޔާވެފައިވާ ކަމަށެވެ.

Ad
rt

އެއީ 87 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު ފަތިހު 04:40 ގައެވެ.

މިއީ ކޯވިޑް ބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއެވެ. މިއަދު ދެން ނިޔާވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ނިޔާވި ދެ މީހުންނެވެ. އެއީ 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނެކެވެ.

އިތުރު މީހަކު މިބަލީގައި ނިޔާވުމުން ރާއްޖެއިން ބަލީގައި ނިޔާވި މީހުންގެ ޢަދަދަކީ 164 އެވެ. މިމަހު ނިޔާވި މީހުންގެ ޢަދަދަކީ 3 އެވެ.

އިއްޔެގެ ނިޔަަލަށް ރާއްޖޭގެ 64،396 މީހަކަށް މިބަލި ޖެހިފައިވާއިރު، އިއްޔެ ޕޮޒިޓިވްވީ 710 މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ރޭ ހާމަކުރެއްވި ގޮތުގައި އިއްޔެ ކޯވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 488 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 202 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުންނެވެ. ރިސޯޓުތަކުން ވެސް 5 މީހަކަށް ބަލިޖެހުނެވެ.

މިވަގުތު ރާއްޖޭގައި މިބަލިން ރަނގަޅު ނުވެ ތިބި މީހުންގެ ޢަދަދަކީ 24،109 އެވެ. އަދި މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 204 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.