ދެން އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ދިމާކުރާނީ ހަނިމާދޫގައި: އުމަރު

Umar Naseer

އައްޑޫ ސިޓީއަށްފަހު ދެން އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ދިމާކުރާނީ ހދ. ހަނިމާދޫގައިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް "އަތް ގަދަކުރަމުންދާ" ކަމަށް ވިދާޅުވެ، ފާޅުގައި އެކަމާއި ދެކޮޅަށް ވަކާލާތު ކުރަށްވަމުން ގެންދަވާ އުމަރު، އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އައްޑޫ ސިޓީއަށްފަހު، ދެން އިންޑިއާއިން ކޮންސިލއުލޭޓެއް ހެދުމަށް ދިމާކުރާނީ އުތުރުގެ ހދ. ހަނިމާދޫގައި ކަމަށް ވިދާޅުވުމުން، އެކަމާއި ގުޅިގެން ދެންނެވުނު ސުވާލެއްގެ ޖަވާބުގައި އުމަރު ވިދާޅުވީ، އެކަން އޮތީ އެގޮތަށް ކަމަށާއި، ދެން އިންޑިޔާގެ ކޮންސިއުލޭޓް ހުޅުވަން މަސައްކަތް ކުރާނީ ހަނިމާދޫގައި ކަމަށެވެ.

އޭނާ ވިދާޅުވީ، މިލިޓަރީ ގާއިމްވެފައި ތިބޭ ތަނެއްގައި ކޮންސިއުލޭޓް ހުޅުވުމުގެ ބޭނުމަކީ ޑިޕްލޮމެޓިކް ކަވަރެއް މިލިޓަރީ އަށް ދިނުން ކަމަށެވެ.

"އިންޑިޔާ ސިފައިންގެ މީހަކު ރާއްޖޭގެ ޤާނޫނާ ޚިލާފު ކަމެއް ކުރިނަމަވެސް އެމީހަކަށް ރާއްޖޭން އަދަބެއް ދިނުމުގެ ކުރިން އަވަހަށް ގައުމަށް ފޮނުވާލެވޭނެ، ރާއްޖޭގެ ޤާނޫނު ހުއްދަ ނުކުރާ ކަންކަން ކޮންސިއުލޭޓް ތެރޭގައި ހިންގަން ފަސޭހަވާނެ، މިސާލަކަށް ސިފައިންނަށް އަޅުކަން ކުރެވޭނެ ގޮތް ތަކާއި ރާބޮވޭނެ އިންތިޒާމްތައް ކޮންސިއުލޭޓް ތެރޭގައި ހަމަޖެއްސޭނެ" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ގިނަ އަދަދެއްގެ އިންޑިޔާ ރައްޔިތުން ދިރިއުޅޭ ސަރަހައްދެއް ނަމަ ކޮންސިއުލޭޓް އެއް ހުރުން އެއީ އިންޑިޔާ ރައްޔިތުންނަށް ފަސޭހަވާނެ ކަމެއް ކަމަށް ގަބޫލު ކުރަށްވާ ކަމަށާއި، ނަމަވެސް އެއީ ދިވެހިންނަށް ފަސޭހައެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ.

އުމަރު ލީޑް ކުރަށްވާ ޑީއެންއޭގެ ފަރާތުން މިއަދު ވަނީ އައްޑޫ ސިޓީގައި އިންޑިޔާއިން ހުޅުވަން ނިންމާފައިވާ ކޮންސިއުލަރ އޮފީހާއި ގުޅިގެން ވީޑިޔޯ ބަޔާނެއް ވެސް އާންމުކުރަށްވާފައެވެ.

"އައްޑޫ ގައި އިންޑިޔާއިން ގާއިމް ކުރަމުން ގެންދާ މިލިޓަރީ މަރުކަޒު އަޅުގަޑަށް ސިފަކުރެވެނީ ކަސްޓަމްސް އަށް އޮޅުވާލުމަށް ޓަކައި ސައިކަލް އެއް ރޫޅާ ލައިގެން ފަހަރަކު ބަޔެއް އެތެރެ ކުރާ ގޮތަށް، ދިވެހިންނަށް އޮޅުވާލުމަށް ޓަކައި، އެކި ފަހަރު އެކި ބައި ގެނެސްގެން އައްޑު އަތޮޅުގައި މިލިޓަރީ މަރުކަޒެއް އިންޑިޔާއިން ރާވަމުންދާ ގޮތަށް. ފުރަތަމަ އައްޑޫ އަށް ގެނައީ ހެލިކޮޕްޓަރަކާ ސިފައިން. ދެން ގެނައީ ރާޑަރު ސްޓޭޝަން. ދެން އެޅީ މިލިޓަރީ ބޭސް އަކަށް ބޭނުން ކުރެވޭ ވަރުގެ ވަރުގަދަ އިމާރާތެއް. ޑިޕްލޮމެޓިކް ކަވަރު ދިނުމަށް ޓަކައި މިހާރު މި ގެންނަނީ ކޮންސިއުލޭޓް އޮފީހެއް." އެބަޔާނުގައި އުމަރު ވިދާޅުވިއެވެ.

ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބައެއް ބޭފުޅުންނަށް އިންޑިޔާގެ ކޮންސިއުލޭޓް އަކީ ޝޮޕިންގް މޯލް އެއްކަމަށް ނުވަތަ ވިޔަފާރި އެއްކަމަށް ހީފުޅުވާ ކަމަށް ވެސް އެ ވީޑިއޯގައި އުމަރު ވިދާޅުވެއެވެ.

އައްޑޫގައި އިނގިރޭސިން ގާއިމުވިއިރު ކުރިކަހަލަ އެއްވެސް ފައިދާއެއް އިންޑިއާ ކޮންސިއުލޭޓްގ އައްޑުގައި ގާއިމުކުރުމަކުން ނުކުރާނެ ކަމަށް މިއީ މުޅި ޤައުމުގެ މިނިވަން ކަމަށް އަންނަ ގޮންޖެހުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއީ ދުރުރާސްތާގެ ޕްލޭން އެއްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުގައި، އެކިއެކި ނަންނަމުގައި އިންޑިޔާގެ މިލިޓަރީ ބޭސް ތައް ޤާއިމް ކުރުމަށް ހިންގޭ ފުޅާ ޕްރޮގްރާމެއް ކަމަށާއި، އުތުރު ތިލަފަޅުގައި އިންޑިޔާ އިން ހަދާ އިމާރާތް ތަކާ، ހދ.ހަނިމާދޫ ގައި ތިބި އިންޑިޔާ ގެ ސިފައިންނާ އެމީހުންގެ ޑޯނިޔާ މަތިންދާ ބޯޓާ، ލ.ގަމުގައި ތިބި އިންޑިޔާގެ ސިފައިންނާ އެމީހުންގެ ހެލިކޮޕްޓަރާ، އައްޑޫގައި ޤާއިމް ކުރެވިފައިވާ އެމީހުންގެ ވަސީލަތަތަކަށް ބަލާ ލުމުން މި ހިގަނީ ކޮން ކަމެއްކަން ވަރަށް ސާފު ކަމަށް ވެސް އެ ވީޑިއޯގައި އުމަރު ވިދާޅުވެއެވެ.

މިމަހުގެ 25 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި އެ ގައުުމުގެ ކެބިނެޓްގެ ބައްދަލުވުމެއްގައި ވަނީ މިއަހަރު ނިމުމުގެ ކުރިން ދިވެހި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރަން ނިންމާފަ އެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިމަހުގެ 25 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ނިންމީ އިންޑިއާގެ ސަރުކާރުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އާއި "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން"ގެ އަމާޒުގައި ރާއްޖެ އަކީ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވުމުން ކަމަށެވެ. އަދި އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ބޭނުންވި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފަށާނީ އެ މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ހުއްދަ ދިނުމުން ކަމަށް ވަނީ ބުނެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޢިންޑިއާގެ ސިޔާސަތު ބަލައިގަތީ މި އެމްޑީޕީގެ ސަރުކާރުން! އައްޑޫ އެކަންޏެއްނޫން؛
    މުޅި ރާއްޖެ އެކީ ހިފާނެ!
    ނޫން، މުޅި ރާއްޖެ އެކީ ހިފާނެ!

  2. މި ދެބަލާވެރި ކަމުންވެސް މިޤައުމު ﷲ ސަލާމަތް ކޮއްދެއްވާނެ އިރާދަ ކުރެއްވިއްޔާ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި