ކޯވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ރާއްޖެ އިން ނިޔާވެ، މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު 87 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 83 އަހަރުގެ މީހަކު ނިޔާވެފައިވަނީ މިއަދު ހެނދުނު 06:37 ގައި ކަމަށެވެ. މިއީ ދިވެހި އަންހެނެކެވެ.

Ad
rt

މި ނިޔާވި މީހާއާއި އެކު ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 159 އަށް ވަނީ އަރާފައެވެ. މިއަހަރުގެ މިހާތަނަށް 119 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ކޯވިޑްގައި އެންމެފަހުން ރާއްޖެއިން މީހަކު ނިޔާވެފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެރޭ އިރުއޮއްސި 6 ޖެހިއިރުގައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ދަންނަވާފައެވެ.

ރާއްޖެއިން އިއްޔެވަނީ އިތުރު 780 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. މިއާއިއެކު ބަލި ޖެހުނު މީހުންގެ ޢަދަދު 63،600 އަށްވަނީ އަރާފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 571 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 205 މީހުންނާއި ހަދަމުންދާ ރިޒޯޓްތަކުން ޕޮޒިޓިވްވި 4 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 63،686 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 24،205 އަށްތިރިވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 218 މީހުންނަށެވެ.