ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ޙާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އިސްރާފުތައް ހުއްޓާލައި އެ ނުބައި އާދައާ ދުރުހެލިވާން އެންމެ މުނާޞަބު ވަގުތުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ މި އަހަރުގެ ދުންފަތުގެ އިލްތިމާސް ނުކުރާ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި، އެމަނިކުފާނު ވަނީ ދުންފަތުގެ ނުރައްކާތެރިކަމާމެދު ރައްޔިތުން ހޭލުންތެރިކޮށް، އެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް، އެކި ގޮތްގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ ކޯވިޑް-19 އަކީވެސް ފުއްޕާމެޔާ ނޭވާލާ ނިޒާމު ބަލިކޮށްލާ ކަމަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ކޯވިޑް-19އަށް ހުށަހެޅިއްޖެ ނަމަ އެކަމުގެ ހުރި ނުރައްކާތެރިކަން ފާހަގަކުރައްވައި ކަމާގުޅުންހުރި ބައެއް ތަފާސް ހިސާބުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފަ އެވެ.
"ރާއްޖޭގައި މިހާތަނަށް ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ، 62 އިންސައްތައަށް ވުރެ މަތީ ޢަދަދެއްގެ މީހުންނަކީ، އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން، ރާއްޖޭގެ އާބާދީގެ 40 އިންސައްތައަށް ވުރެ މަތީ ނިސްބަތެއްގެ މީހުން ދުންފަތުގެ އިސްތިޢުމާލުކުރާއިރު، އޭގެ ތެރެއިންވެސް ވަރަށް މަތީ އިންސައްތައެއް ފެތެނީ މި ޢުމުރުފުރާ އަށް"
ރައީސްގެ މި ހިތާބުގައި ވިދާޅުވެފައިވެއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަކީ، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްވެސް އެތައް ފައިދާތަކެއް ކުރާނެ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއް ރައްޔިތުންނަށް ހޯދައިދިނުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ ފަރާތްތަކުގެ ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ.
ކޯވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި، ޚާއްޞަކޮށް ދުންފަތުގެ އިލްތިމާސްކުރުން ފަދަ ނުބައި އާދަތަކާ ދުރުހެލިވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!