ދިވެހި ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އަޝްފާގު ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށް މިއަދު ވަނީ ޓުވީޓެއް ކުރައްވާފަ އެވެ.

Ad
rt

މިޓުވީޓުގައި ދަގަނޑޭ ބުނެފައިވަނީ އޭނާ ޕޮޒިޓިވްވެފައިވަނީ ވޯލްޑް ކަޕް ކޮލިފައިން ގައި ޗައިނާގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ފުރުމުގެ ކުރިން ދުބާއީގައި އިއްޔެ ހެދި ޓެސްޓުން ކަމަށެވެ.

ދަގަނޑޭ ބުނެފައިވާ ގޮތުގައި އޭނާގެ ހާލު އިރާދަކުރެއްވީތީ ރަނގަޅެވެ. ނަމަވެސް ކުރިއަށް އޮތް ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިން މެޗުތަކުގައި ނުކުޅެވުމަކީ ދެރަކޮށް ދިމާވި ކަމެއް ކަމަށް ބުނެފައިވެއެވެ.

ޤައުމީ ޓީމު ޗައިނާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ، ސީރިއާ އަދި ފިލިޕިންސް އާއި ދެކޮޅަށް ކުޅޭ މެޗުތައް ކުޅުމަށެވެ.

ޤައުމީ ޓީމު ދުބާއީއަށް ދިޔައީ ކޮވިޑު-19 ގެ ހާލަތާއި ގުޅިގެން މާލޭގައި ޕްރެކްޓިސް ނުކުރެވުމުގެ ސަބަބުންނެވެ. ދުބާއީއަށް ދިޔުމުގެ ކުރިން ޤައުމީ ޓީމުން ޕްރެކްޓިސްކޮށްފައިވަނީ ހޮޓެލް ޖެންގެ ބޯލް ރޫމް ތެރޭގައި ތިބެގެންނެވެ. ދަނޑަށް ނުކުމެ ޕްރެކްޓިސް ކުރަން ގައުމީ ޓީމަށް އަދި މިހާތަނަށް ލިބުނީ 6 ވަރަކަށް ދުވަހެވެ.

މިއަދު ގައުމީ ޓީމު ޗައިނާއަށް ފުރުމުގެ ކުރިން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޓެސްޓްކޮށްފައިވެއެވެ. ދަގަނޑޭގެ އިތުރުން ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ޕޮޒިޓިވްވެފައެވެ. ގައުމީ ޓީމުގެ އިތުރު ކުޅުންތެރިން ޕޮޒިޓިވްވެފައިވާކަމުގެ މަޢުލޫމާތެއް އަދި ނުލިބެ އެވެ. ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން މި ދެ ކުޅުންތެރިން 10 ދުވަހު ދުބާއީގައި ކަރަންޓީނުވާނެއެވެ.

ދަގަނޑޭ ދުބާއީއަށް ފުރުމުގެ ކުރިން އޭނާގެ އަންހެނުންވަނޫ ޕޮޒިޓިވް ވެގެން ޓީމުން އެކަހެރިވެފަ އެވެ. ނަމަވެސް އޭރުގެ ނަތީޖާ ނެގެޓިވްވުމުން ފަހުން އަނެއްކާވެސް ވަނީ ކޭމްޕާއި ގުޅިފަ އެވެ.