ހއ. ބާރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ބާރަށު ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު ޒާހިރު "ތިލަދުން"އަށް ވިދާޅުވީ އެރަށު ގެއެއްގައި ހޯމްކަރަންޓީނުގައި ތިބި ދެ މީހުންކުރެ އެކަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޕޮޒިޓިވްވީ ކަރަންޓިނުގައި ތިބި ދެމަފިރިން ތެރެއިން ފިރިމިހާއެވެ. އެ މީހުން ކަރަންޓީނުގައި ތިބީ އެހެން މީހުން ނޫޅޭ ގެއެއްގައެވެ.
"އިތުރު ބަޔަކު އެގޭގައި ނޫޅޭނެ، އިތުރަށް ބަލަންޖެހޭ ކަންކަން އަޅުގަނޑުމެން ބަލަމުން ގެންދާނަން" ޒާހިރު ވިދާޅުވިއެވެ.
ބާރަށުން އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު މިއަހަރުގެ މާރިޗް މަހުގެ 1 ވަނަ ދުވަހު ވެސް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެމީހުންނާއި އިތުރު މީހުން ރަށުތެރެއިން ބައްދަލުވެފައި ވުމުން އެރަށް މޮނިޓަރިންނަށް ގެނެސް އެފަހަރު 17 ދުވަސް ވަންދެން އެރަށް މޮނިޓަރިން ހާލަތުގައި އޮތެވެ. އެފަހަރު ބާރަށުގެ ކޯވިޑްގެ ހާލަތު ވަޒަންކުރުމަށް އެކި ފަހަރުމަތިން ގިނަ ޢަދަދެއްގެ ސާމްޕަލް ނަގާފައިވާއިރު، އެރަށް މޮނިޓަރިން ހާލަތުން ނެގުމާއި ހަމައަށް ޖުމްލަ 36 މީހަކު އެފަހަރު ޕޮޒިޓިވްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!