ހުއްޓުމެއްނެތި ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް ބަލީގައި އަނެއްކާ ވެސް އިތުރު ދެމީހުން ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެފައި ވާކަމަށެވެ. އެ ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ދެ މީހުން ވެސް ނިޔާވީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. 47 އަހަރުގެ މީހާ ނިޔާވީ މިއަދުގެ ހެނދުނު 5:55 ގައެވެ. 54 އަހަރުގެ މީހާ ނިޔާވީ ރޭ މެންދަމު 2:15 ގައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު ދެ މީހުން ނިޔާވުމުން މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ވަނީ 153 އަށް އަރާފައެވެ. އަދި މިމަހު ނިޔާވި މީހުންގެ އަދަދު ވަނީ 80 އަށް އަރާފައެވެ.
ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ.
ކޯވިޑް ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 60 ހާހުން މައްޗަށް އަރާފައެވެ. އެޗްޕީއޭއިން ރޭ އާންމު ކުރެއްވި މިބައްޔާގުޅޭ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ރޭގެ ނިޔަލަށް ރާއްޖެއިން 60،943 މީހުންނަށް ވަނީ މިބަލި ޖެހިފައެވެ. ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 25،419 އެވެ. މިހާރު ވެސް 270 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!