ވަޤުތަކީ ﷲ ޞުބުޙާނަހޫ ވަޠަޢާލާ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން އެންމެ އަގުހުރި އެއް ނިޢުމަތެކެވެ. ވަރަށް ފަސޭހައިން އެއާމެދު ޣާފިލު ވެވޭ ނިޢުމަތެކެވެ.
ޢަބްދުﷲ އިބްނު ޢައްބާސް ރަޟިޔައްﷲ ޢަންހު ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީސް ފުޅެއްގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
نِعْمَتَانِ مَغْبُونٌ فِيْهِمَا كَثِيْرٌ مِنَ النَّاِس: الصِّحَّةُ وَالْفَرَاغُ "ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކޮށްފައިވާ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ." -صحيح البخاري (6412)- އިންސާނާ އުފަންވުމުގެ މާކުރީއްސުރެ އޭނާއާ މެދު ކަންތައްވާނެގޮތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އޭނާ އުފަންވީ ދުވަހުއްސުރެ މަރުވަންދެން ވާނޭ ހުރިހާ ކަމެއް ވަނީ އެއިލާހުގެ ޙަޟްރަތުގައި ލިޔެވިގެންނެވެ. ކަންމިހެން އޮތް ނަމަވެސް ދިރިއުޅުމުގައި ﷲ ވަނީ އިންސާނާއަށް މަގު ޚިޔާރުކުރުމުގެ "ޗޮއިސް" ދެއްވާފައެވެ.
ﷲ ވަޙީކުރައްވަނީ: وَقُلِ الْحَقُّ مِن رَّبِّكُمْ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ﴿الكهف: ٢٩﴾
މާނަ: " އަދި ކަލޭގެފާނު ވިދާޅުވާށެވެ! (އެއީ) ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން އައިސްފައިވާ ޙައްޤު ތެދެވެ. ފަހެ، ބޭނުންމީހަކު އީމާންވާށެވެ! އަދި ބޭނުންމީހަކު ކާފިރުވާށެވެ!"
އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ: وَهَدَيْنَاهُ النَّجْدَيْنِ ﴿البلد: ١٠﴾
މާނަ: " އަދި ދެމަގަށް ތިމަންއިލާހު އޭނާޔަށް މަގުދެއްކެވީމެވެ."
އިންސާނާ ދުނިޔެއަށް ނޭވާލާހިނދު ޙަޔާތުގެ ގަޑި ހިނގަން ފަށައެވެ. ފަހުނޭވާ ދޫކޮށްލުމަށްދާންދެން އެގަޑި ހިނގަ ހިނގާ ހުރެއެވެ. ތިބާ ކޮންމެކަމެއް ކުރާހިނދުވެސް މިގަޑީގެ ހިނގުމަކަށް ބަދަލެއްނާދެއެވެ. ތިބާ ނަމާދުކޮށް ޤުރްއާން ކިޔަވައި ﷲ އަށް އިޚްލާޞްތެރިކަމާއެކު އަޅުކަންކުރަމުންދާއިރު މި ގަޑި ހަމަ ކުރިއަށް ހިނގަމުން ދެއެވެ. އަދި ތިބާ ޑާންސް ކްލަބް ތަކާއި ރިސޯޓުތަކާއި ފަޅު ރަށް ރަށާއި، ރަށްރަށުގެ ވަލުތެރެއާއި، ގެސްޓްހައުސް ތަކުގެ "ޕްރައިވެޓް" ކޮޓަރިތަކުގައި ލެއްވިހާ ފާޙިޝް ޢަމަލުތަކަށް އަރައިގަންނަމުން ދާއިރުވެސް މިގަޑި މަޑުޖެހުމެއްނެތި ހިނގަ ހިނގާ ހުރެއެވެ. ކުރާނެ ކަމެއްނެތިގެން "ވައިވެފަ" ރަށްކުޑަކޮށް ސައިކަލުން ބުރުޖަހަމުން ދާއިރުވެސް އެގަޑީގެ ހިނގުމަކަށް ބަދަލެއް ނާދެއެވެ. އެގަޑިން ފާއިތުވެދާ އެއްވެސް ސިކުންތަކީ އަލުން އަނބުރާ ލިބޭނޭ އެއްޗެއް ނޫނެވެ. އެ ސިކުންތުކޮޅު ނުވަތަ މިނިޓުކޮޅު ހޯދަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް އެވަޤުތުކޮޅު އަނބުރާ ނުލިބޭނެއެވެ. ވަޤުތަކީ ރަނަށްވުރެ އަގުބޮޑުއެއްޗެކޭ ބުނެވެނީވެސް މިސަބަބާ ހުރެއެވެ.
ވަޤުތު ހޭދަކުރާ ގޮތާމެދު ވިސްނުމަކީ އަބަދުވެސް ތިމާ ކުރަނޖެހޭނޭ ކަމެކެވެ. އަބަދުވެސް ހަނދާން ބަހައްޓާށެވެ. މިއަދު ﷲ ތިބާއަށް ދެއްވި ވަޤުތު ބޭނުންކުރި ގޮތާމެދު މާދަމާ ސުވާލުކުރެވޭނެއެވެ. މާދަމާ ﷲ އާ ބައްދަލުވާހިނދު، ދުނިޔޭގެ ޙަޔާތުގައި ތިމާގެ ވަޤުތު ހޭދަކުރެވުނުގޮތާމެދު ހިތްހަމަޖެހި ފަޚުރުވެރިވެފައި ހުންނަން ތިބާ ބޭނުން ނުވޭތޯއެވެ؟ ނުވަތަ ތިބާ ބޭނުންވަނީ "އަލުން އިހުގެ ދުނިޔެއަށް ދެވޭނެ ނަމައޭ" މިފަދައިން ބުނާ މީހުންނާ އެކުގައި ވުމަށްތޯއެވެ؟
އެބައިމީހުންގެ ޙާލަތު ބަޔާންކުރައްވައި ﷲ ޞުބުޙާނަހޫ ވަޠަޢާލާ ވަހީ ކުރަށްވަނީ ﴿ وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ ﴾ ﴿ سورة فاطر 37 ﴾ މާނަ: "އެއުރެން އެ ނަރަކައިގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރިއިލާހެވެ! އަޅަމެން ކުރަމުންގެންދިޔަ (ނުބައި) ޢަމަލުތައް ނޫން ޞާލިޙު ޢަމަލު ކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންއިލާހު ތިޔަބައިމީހުންގެ ޢުމުރު ނުދަންމަވަން ހެއްޔެވެ؟ އަދި އިންޒާރު ކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (އަޒާބުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، އަނިޔާވެރިންނަށް ނަސްރު ދޭނެ އެއްވެސް މީހަކު ނުވެތެވެ."
ވީމާ މިދުވިޔޭގެ ވަގުތީ އުވަލަށްޓަކައި ތިމާގެ ވަގުތު އެއްކޮށް ހުސްކޮށްލުމަކީ ކިހާ ބޮޑު މޮޔަކަމެއްތޯއެވެ؟ މީސްތަކުންގެ ތެރެއިން އަހަރެމެންނަށް ދެވައްތަރެއްގެ މީހުން ފެނެއެވެ. އެތަނުން އެއްބަޔަކަށް ދުނިޔެ ފެންނަނީ "ޑާންސް ކްލަބެއްގެ ސިފައިގައެވެ." އެމީހުންގެ މަޤުސަދަކަށް ވެފައި އޮންނަނީ ބިރަކާނުލާ މަޖާކުރުމެވެ. ދެވަނަ ވައްތަރުގެ މީހުން ހައްދުފަހަނައަޅައިދަނީ އަނެއްކޮޅުންނެވެ. އެއީ އަރާމު، ހިތްގައިމު، ތަނަވަސް ދިރިއުޅުމުމަކަށްޓަކައި މީހާގެ ހުރިހާ ވަގުތެއް ހޭދަކޮށްލާ މީހުންނެވެ. ގިނައިން ފައިސާ ހޯދުމަށެވެ. ކޮންމެވެސް ދުވަހަކު މުއްސަންޖަކަށް ވެވޭނެ ކަމުގެ އުންމީދުގައެވެ. އާދޭހެވެ. ދިރިއުޅުމައްޓަކައި މަސައްކަތް ކުރަންޖެހޭނެއެވެ. ނަމަވެސް އެއީ ތިމާގެ ޙަޔާތުގެ މަޤުޞަދުކަމުގައި ހަދައިގެން ނުވާނެއެވެ.
އިންސާނާ ޚަލްޤު ކުރެއްވި މަޤްޞަދު ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴾ ﴿ سورة الذاريات 56 ﴾ މާނަ: "ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ."
އާނއެކެވެ. ތިމާއާއި، އަނބި ދަރިންނަށް ކާން ބޯންދީ، އުނު އޮރިޔާން ނިވާ ކޮށްދިނުމައްޓަކައި މަސައްކަތްކުރުމަކީ ވެސް އަޅުކަމެކެވެ. ނަމަވެސް ފޯރިނަގާފައި އޮފީހުގައި ނުވަތަ އެހެންވެސް ތަނެއްގައި މަސައްކަތުގައި އުޅޭއިރު ފަރުޟު ފަސްނަމާދު ހަމައަށް އަދާކުރެވޭތޯއެވެ؟ ރައްޓެހިންނާއެކީ ކޮފީއަށް ދިއުމަށް ބްރޭކް ނުދީގެން ބޮޑުމީހާ ކައިރީ ޝަކުވާ ކުރާއިރު، ނަމާދުގައި ފިޔަވައި ޤުރްއާން އަކުރެއް އެންމެފަހުން ކިޔަވާލީ ކޮން އިރަކުތޯއެވެ؟ މީހަކު ފައިކުރި ކުރުކޮށް ތުނބުޅި ބަހައްޓާއިރަށް އަދި ޓޮޕާއި ސްކިނީ ލަމުން ދިޔަ އޮފީސްމޭޓް ފޫކޮޅު ނިވާވާ ވަރުގެ ދިގު/ދޫ ހެދުން ލާންފެށުމުން އެމީހުންނަށް މަލާމާތް ކޮށް އެއްޗިހި ކިޔޭ ހިނދު، ދީނީ ހުކުމްތައް ދެނެގައުމަށްޓަކައި ދީންދިރާސާކުރުމަށް އުމުރުން ހޭދަކޮށްލެވުނީ ކިހާވަޤުތެއްތޯއެވެ؟ މައިންބަފައިން ކިބައިންނާއި މަދަރުސާއިން އެނގުނު އެއްޗެއްފިޔަވައި ދީން އުނގެނުމަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްލެވުނުތޯއެވެ؟ މިއީ ހައްތަހާ ވެސް އަމިއްލަ ނަފްފާ ކޮށްލަން ޖެހޭ ސުވާލުތަކެވެ.
ޙަޤީޤަތަކީ ރަނގަޅަށް ޓައިމް މެނޭޖް ކުރެވިއްޖެނަމަ، ދުނިޔެއާއި އާޚިރަތަށްޓަކައިވެސް ކަންތައްތައް ކޮށްލެވޭނެކަމެވެ. މީސްތަކުންނާ އެކަހެރިވެ ތިމާއަށް ލިބިފައިވާ ވަޤުތުގެ އަގުހުރި ނިޢުމަތާ މެދު ވިސްނާލަން ވަޤުތުކޮޅެއް ހުސްކޮށްލާށެވެ.
ޓައިމް މެނޭޖް ކުރުމަށްޓަކައި އިސްކަންދޭ ތަރުތީބުން ލިސްޓެއް ތައްޔާރު ކޮށްލާށެވެ. އެއަށްފަހު ޓައިމްޓޭބަލެއް ހަދާލާށެވެ. ލިސްޓުގެ އެންމެ ކުރީގައި ﷲއަށްޓަކައި އަދާ ކުރަންޖެހޭ ޙައްޤުތައް ނޯޓް ކޮށްލާށެވެ. މަސައްކަތާއި ވަޒީފާގެ ޕޮއިންޓް ނޯޓްކުރާއިރު، ތިމާގެ މައިންބަފައިންނާއި އަނބިދަރިންނަށްޓަކައި ތިމާގެ މައްޗަށް ޙައްޤު ތަކެއްވާކަން ހަނދާން ނައްތާނުލާށެވެ. ވަކި މިންވަރަކަށް ދީނީ ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗައްވާ ވާޖިބެކެވެ. ވީމާ ދީނީ ދަރުސް އަޑުއެހުމާއި ދީނީ ފޮތްތައް ކިޔުމަށްވެސް ލިސްޓުގައި ވަގުތު ހުސްކުރާށެވެ. ދެންވެސް ކުރަންޖެހޭ މުހިންމު ކަންތައްތައް ނޯޓް ކޮށްލާށެވެ. އަދި ވެސް ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. އެއީ ސުންނަތް އަޅުކަންތައް ކުރުމަށްޓަކައި ވަޤުތުކޮޅެއް ހޯދުމެވެ. ފަރުޟު ފަސް ނަމާދު ކުރުމަކީ ވާޖިބެކެވެ. އެނުކޮށްފިއްޔާ ތިމާ ފާފަވެރިވާނެއެވެ.
ނަމަވެސް ﷲއަށްޓަކައި ތިމާގެ ހިތުގައިވާ ލޯބި އެންމެ ބޮޑަށް ރަމްޒުކޮށްދެނީ ތިމާ ކުރާ ސުންނަތް އަޅުކަންތަކުންނެވެ. މިސާލަކަށް ރަވާތިބު ސުންނަތްތަކަކީ ނުކުރިޔަސް ފާފަލިބޭނޭ އަޅުކަންތަކެއްނޫނެވެ. ނަމަވެސް ކަން މިހެން ހުރުމާއެކުވެސް ތިބާ އެސުންނަތްތައް އަދާކުރުމުގައި ޤާއިމްވެ ހުންނަ ހުރުމުން ﷲއާއި އެއިލާހުގެ ދީނަށްޓަކައި ހިތުގައިވާ ލޯބި ތަޞައްވަރު ނުވާނެތޯއެވެ؟ އަދި ދަމުނަމާދު ކުރަން ކުޅަދާނަ ވެއްޖެ މީހަކަށް، ރޭގަނޑުގެ ހަމަހިމޭން ވަޤުތު އެކަނިމާއެކަނި ﷲ ހަނދުމަކޮށް އެއިލާހަށް އަޅުކަން ކުރުމުން ހިތަށް ހިތްހަމަޖެހުމެއް ނުލިބޭނެތޯއެވެ؟ ޙަޤީޤީ ހިތްހަމަޖެހުމަކީ އެއީ ނޫންތޯއެވެ؟ މިހުރިހާ ކަމެއް އެއްދުވަހުން ނުކުރެވިދާނެއެވެ.
އިސްކަންދޭ ތަރުތީބުގެ ލިސްޓަކާއި ޓައިމްޓޭބަލެއް ހަދަނީ މިސަބަބަށްޓަކައެވެ. މުޅި ހަފްތާއަށް ތިމާގެ ވަޤުތުތަށް ފައިދާ ކުރަނިވި ނަފާވެރި ގޮތަކަށް ބަހާލާށެވެ. ﷲގެ އިރާދަފުޅާ މިންވަރުފުޅުން އިސާހިތަކު ކުރިން ލިބިފައި ނުވާ ހިތްހަމަ ޖެހުމާއި އުފާ އިހުސާސް ކުރެވެންފަށާނެއެވެ. މަހެއްތެރޭ ނުކުރެވުނު ކަންކަން ހަފްތާއެއްތެރޭ ކުރެވޭތަން ފެންނާނެއެވެ. إن شاء الله ދެދުނިޔޭގެ ބާއްޖަވެރިކަމާ ހަމައަށް ވާޞިލް ވެވޭނެއެވެ. އޭރުން އޮންނާނީ ދިރިއުޅުމުގައި ދޭތިން ފަހެތި ހޯދައިގަނެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!