ޔުއެފާ ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ސްޕެއިންގެ ވިޔަރެއާލުން ކާމިޔާބު ކޮށްފިއެވެ.

ވިޔަރެއާލް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި މި ވަނީ ފައިނަލް މެޗުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށް ފަހުއެވެ.

Ad
rt

ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވުމާއި ގުޅިގެން މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ވިޔަރެއާލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާގައިވަނީ 11-10 ގެ ނަތީޖާއަކުންނެވެ.

ވިޔަރެއާލުން ޕެނަލްޓީ ޖެހި އެގާރަ ކުޅުންތެރިން ވެސް ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ޔުނައިޓެޑުން ޖެހި އެގާރަ ޕެނަލްޓީގެ ތެރެއިން ދިހަ ޕެނަލްޓީ ކާމިޔާބު ކޮށްފައިވާއިރު އެ ޓީމުން ޕެނަލްޓީ ކާމިޔާބު ކުރެވިފައި ނުވަނީ ކީޕަރ ޑޭވިޑް ޑިހެއާ ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. ޑިހެއާ ފޮނުވާލި ޕެނަލްޓީ ވިޔަރެއާލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މިއީ މިހާތަނަށް ޔުއެފާ މުބާރާތެއްގެ ފައިނަލް މެޗެއްގައި ޖެހި އެންމެ ދިގު ޕެނަލްޓީ ޝޫޓްއައުޓެވެ.

މި މުބާރާތުގެ ފައިނަލް މެޗު ބުދަދުވަހުގެ ރޭ ކުޅެފައިވަނީ ޕޮލެންޑްގެ ގްޑާންސްކް ސްޓޭޑިއަމްގައެވެ. މި މެޗު ބެލުމަށް ޔުއެފާއިން ވަނީ 9500 ސަޕޯޓަރުން ދަނޑަށް ވައްދާފައެވެ.

މި ކާމިޔާބާއި އެކު ވިޔަރެއާލްގެ ކޯޗްގެ މަޤާމުގައި މިވަގުތު ހުރި އުނާއި އެމެރީއަށް ޔޫރަޕާ ލީގުގެ ތަށި ހަތަރު ފަހަރު ކާމިޔާބު ކުރެވުނީއެވެ. މީގެކުރިން އޭނާވަނީ ސްޕެއިންގެ ސެވިއްޔާއާއި އެކު ޔޫރަޕާ ލީގު ތިންފަހަރު ކާމިޔާބު ކޮށްފައެވެ. އޭނާއަކީ މި މުބާރާތް ކޯޗެއްގެ ގޮތުގައި އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ފަރާތެވެ.

މިއީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާއި އޮލޭ ގުނަ ސޯލްޝެއާ ހަވާލުވީ ފަހުން އެ ޓީމް ކުޅުނު ފުރަތަމަ ފައިނަލް މެޗެވެ. ސޯލްޝެއާއަށް އަދި މިހާތަނަށް ޔުނައިޓެޑަށް އެއްވެސް ތައްޓެއް ކާމިޔާބު ކޮށްދެވިފައި ނުވާއިރު، ޔުނައިޓެޑުން މި ސީޒަންގެ ޕްރިމިއާ ލީގު ވެސް ނިނަމާލާފައިވަނީ ދެވަނަ މަޤާމުގައެވެ. މެންޗެސްޓާ ޔުނައިޓެޑުން ޔޫރަޕާ ލީގު އެންމެ ފަހުން ކާމިޔާބު ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އެއީ ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ވިޔަރެއާލުންނެވެ. މި ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޖެރާޑް މޮރޭނޯއެވެ. މި ލަނޑު މޮރޭނޯ ކާމިޔާބު ކޮށްފައިވަނީ ޑެނީ ޕަރޭހޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ފުރަތަމަ ހާފު ނިމުގެން ގޮސްފައިވަނީ ވިޔަރެއާލް ކުރީގައި އޮވެގެންނެވެ.

ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޑިސަން ކަވާނީއެވެ. މި މެޗުގެ ފުރަތަމަ ނުވަދިހަ މިނެޓެގައި ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އިތުރު ވަގުތުގެ ދެ ހާފުގައި ވިޔަރެއާލުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ޔުނައިޓެޑަށް ބާރު ބޮޑު ކޮށްފައެވެ.

މިއީ ޔޫރަޕްގެ މިފަދަ ބޮޑު މުބާރާތެއްގެ ފައިނަލުގައި ވިޔަރެއާލް ކުޅުނު ފުރަތަމަ ފަހަރެވެ. އަދި ޔޫރަޕްގެ މުބާރާތެއްގެ ތަށި އެ ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު ވެސް މެއެވެ.