އަަބަދުވެސް އިދިކޮޅު މެންބަރުންގެ އަމަލުތައް ހުންނަނީ ރައްޔިތުން މާޔޫސްވާގޮތަށް: ރާޢީ

MP Raee

އަބަދުވެސް އިދިކޮޅު މެންބަރުންގެ އަމަލުތައް ހުންނަނީ ޤައުމުގެ މަސްލަހަތުގެއްލުވާލައި، ރައްޔިތުން މާޔޫސްވާގޮތަށް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ރާޢީ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި، "ކޯވިޑް ބަލީގެ ބަލިމަޑުކަމުގައި ނިޔާވާ މީހުންގެ ތެރެއިން ގިނަބަޔަކު ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ނިޔާވާތީ، އެ ފެސިލިޓީގައި ފަރުވާ ދިނުމަށް ހުރި ދަތިތައް ބަލައި، އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ގޮވައިލާ" ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އެ މައްސަލާގައި ކަަންބޮޑުވުން ހުރިކަން ފާހަގަކުރެވުނަސް، އަބަދުވެސް އިދިކޮޅު މެންބަރުން ހުށަހަޅާ ކުއްލި މައްސަލަތަކާއި ގަރާރުތަކާމެދު ސުވާލުއުފެދޭ ކަމަށް ވިދާޅުވެ، ރާއީ ވިދާޅުވީ އެ މައްސަލަތައް ހުންނަނީ އަބަދުވެސް އިދިކޮޅުން އެ މައްސަލަތައް ހުށަހަޅާ ނިޔަތާއި، މަޤްޞަދާ މެދު ސުވާލު އުފެދޭ ގޮތަށް ކަމަށެވެ.

ކޯވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއިން އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކުރިއިރު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަށްވައި، އޭގެ ނަތީޖާވެސް ރަނގަޅުކަމަށް ރާޢީ ފާހަގަ ކުރެއްވިއެވެ.

"އޭގެ ހެއްކެއް ކަންނޭނގެ، ހަމަ އެ ދާއިމީކޮށް ދޭ އެލަވަންސްތަކާއި އަދި އޭގެ އިރުން ކަރަންޓު ބިލު، ފެން ބިލު، އަހަރުދުވަހު ކުރިން ނުދެއްކިފައި ހުރި ފެން ބިލުތަކާއި ކަރަންޓު ބިލުތަކާއި، މިކަހަލަ ބައިވަރު އަސާސީ ޚިދުމަތްތަކަށް ރައްޔިތުންނަށް ހޯދާފައި ހުރީ." ރާޢީ ވިދާޅުވިއެވެ.

ރައްޔިތުންނަށް ލުއި ހޯދައި ދިނުމަށް ސަރުކާރުން ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށާއި، ބަލިމަޑުކަން ދިގުލައިގެން ދިޔަ ނަމަވެސް ސަރުކާރުން ދަނީ ކަންކަން މެނޭޖް ކުރަމުން ކަމަށް ރާޢީ ވިދާޅުވިއެވެ. މިގޮތުން ރޭގައި ވެސް، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ރައްޔިތުންނަށް އިތުރު އުފާވެރި ޚަބަރުތައް ދެއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އަޅުގަނޑަށް އަބަދުވެސް އެންމެ ބޮޑަށް މި ފެންނަނީ، މިކަހަލަ، ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނާ ވާދަވެރި ޕާޓީން، ސިޔާސީ ޕާޓީތަކުގެ މަޖިލީހުގެ މެންބަރުން އިނގޭތޯ، ރައްޔިތުންނަށް މިކަހަލަ ޤައުމުގެ މަޞްލަޙަތު ގެއްލޭ ގޮތަށް، ނޫނީ ރައްޔިތުން މާޔޫސްވާނެ ގޮތަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް އިނގޭތޯ. އެ ބޭފުޅުންގެ ނިޔަތް، ކޮންމެ ކަމެއް ވެސް ހަމަ ހުށަހަޅައި ބަހައްޓާފައި އޭގެތެރޭގައި މި ދައްކަނީ ނުކިއްސަރު ވާހަކަތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ބަދުބަސް ބުނެ، ކަމެއް ނުކުރެވޭކަން ދައްކައި، އަދި މިކަމުގެ ތެރޭގައި ބޮޑު ހާޖާނުގަނޑަކަށް ރާއްޖެ ވައްޓާލަން އުޅުން، އެއީ އަޅުގަނޑު ކަންބޮޑުވާ މައްސަލައެއް،"

ރާއީ ވިދާޅުވިއެވެ.

ރާޢީ ވަނީ އޭނާގެ ދާއިރާގެ ތިން ރަށް ކަމަށްވާ މަކުނުދޫ، ނޭކުރެންދޫ އަދި ކުމުންދޫގެ ކޯވިޑްގެ ހާލާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. ތިން ރަށުން ވެސް ޕޮޒިޓިވް ކޭސްތައް ފެނިފައިވާކަން ފާހަގަ ކުރައްވައި، މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށްވުމުން ސާމްޕަލްތައް ފޮނުވުމުގައި ދަތިކަން ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި