ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ރިލީޒް ޑޮކިއުމަންޓް ދިނުން ހުއްޓާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ކޯވިޑް-19އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިޔުމުގެ އިތުރުން، އެކަހިރުވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫ ނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.
"ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެއެވެ. އަދި ލިޔުމުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އެމީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނެއެވެ. ޕޮޒިޓިވް ވާ މީހުންގެ ބަލި ހާލަތާގުޅިގެން އެކަހެރިވެ ހުންނަ މުއްދަތު ތަފާތުވެއެވެ."
އެޗްޕީއޭއިން ވިދާޅުވެފަ ވެއެވެ.
މިގޮތުން 14 ދުވަހުގެ މުއްދަތު ނިމޭއިރުވެސް ހުން އައުން، ނޭވާލާން އުދަނގޫވުން، ކެއްސުން ގޯސްވުން ފަދަ
ކަންކަން ހުންނަނަމަ، އެކަހެރިވާ މުއްދަތު 21 ދުވަހަށް ދެމިގެން ދާނެ ކަމަށް އެ ޢިލާންގައި ވެއެވެ.
"ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއްނަމަ އެކަހެރިކުރެވޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނެކަމަށާއި މި ފަދަ މީހުންގެ އެކަހެރިކުރެވޭ ޖުމުލަ މުއްދަތު ބަޔާންވާނީ ޑޮކްޓަރުން އިރުޝާދު ދޭގޮތުގެ މަތިންނެވެ. ގޭގައި އެކަހެރިވެގެން ތިބޭ ފަރާތްތަކުން ބަލީގެ އަލާމާތްތައް ފެންނަނަމަ ޞިއްޙީ ލަފަޔާއި
ހޯއްދެވުމަށްވެސް ދަންނަވަމެވެ."
އެޗްޕީއޭއިން ވިދާޅުވެފަ ވެއެވެ.
ކޯވިޑް19 އަށް ޕޮޒިޓިވްވާ މީހުންނަށް ރިލީޒް ޑޮކިއުމަންޓް ދިނުން ހުއްޓާލިއިރު، ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!