ދިވެހިރާއްޖެ ތަޖުރިބާ ކުރަމުންދާ ކޯވިޑްގެ ހާލަތު ދުނިޔޭގެ އެތައް ގައުމެއް ތަޖުރިބާ ކޮށްފިކަމަށާއި، މިއީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އިބްރޭ) ވިދާޅުވެއްޖެއެވެ.

އިބްރޭ މިހެން ވިދާޅުވީ، ރާއްޖެއާއި މާވަށު ދާއިރާގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލިސްއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

އިބްރޭ ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ކޯވިޑުގެ ހާލަތު މެނޭޖުކުރަމުން ގެންދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ފަދަ މި ހާލަތު ދުނިޔޭގައި ބަލައި، މޮނިޓަރކުރަމުންދާ ތަންތަނުން ރާއްޖޭގެ ސަރުކާރުން މިހާލަތުގައި ކުރަށްވަމުން ގެންދަވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ ކަމަށް އިބްރޭ ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އެހެން ދަތުރުވެރިން ރާއްޖޭގައި ސަރުކާރުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ބައްލަވައި، އިތުބާރުކުރައްވާ ކަމަށް އިބްރޭ ވިދާޅުވިއެވެ. އަދި އެފަރާތްތައް ރާއްޖެއަށް ޒިޔާރަތްކުރަމުން ދަނީ ރާއްޖޭގައި އެޅިފައި އޮތް ފިޔަވަޅުތައް ހަރުދަނާ ވީމައި ކަމަށް އިބްރޭ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު މި ތަޙައްމަލުކުރަނީ، ހަމައެކަނި ދިވެހިރާއްޖޭގައި މި އޮތް ހާލަތަކީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫން. ދުނިޔޭގެ އެހެން ހުރިހާ ޤައުމެއްގައި ވެސް މި ހާލަތު އައިއްސަ އެބަހުރި، އަޅުގަނޑުމެންނަށް ވުރެ މާ ބޮޑެތި، އަޅުގަނޑުމެނަށް ވުރެ މާ މުއްސަނދި ޤައުމުތައް އެބަ ތިބި، ބައެއް އާބާދީތައް ފަޅުވެފައި އެތާނގެ އެއްވެސް ބޭފުޅެއް ނުވަތަ އެއްވެސް ޖަނަވާރެއް އެއްޗެއް ނޫޅޭ. އިޓަލީ ކަހަލަ ބައެއް ޤައުމުތަކުގައި ތަންކޮޅެއް މުސްކުޅި އާބާގެ ތަންތަން އެބަތިބި ހަމަ އެއްކޮށް ފަޅުވެގެންގޮއްސަ. އެކަމަކު އަޅުގަނޑުމެން ޤައުމުގައި އެއްވެސް ރަށެއް ފަޅުވިކަމަކަށް އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތް މިކަމުގެ ސަބަބުންނެއް." އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ، މިއީ ވާދަވެރި ފަރާތްތަކުން ވެސް އެކުވެރިވާންވީ ވަގުތު ކަމަށެވެ. މި ތިބީ ނުރައްކާތެރި ހާލަތެއްގެ ތެރޭގައި ކަމަށާއި، އޮޑިއަކަށް އަރައިގެން ފެތިގެންދާއިރު އެންމެން އެކުގައި ކުރާ މަސައްކަތުން ނޫނީ އެ އޮޑިއެއް ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ.

އިބްރޭ ވަނީ މިހާލަތުން އަރައިގަތުމަށް އިދިކޮޅު ޕާޓީން ވެސް ސަރުކާރާއި އެއްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.