ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް19 އަށް ފަރުވާ ހޯދަމުންއައި މީހުންގެ ތެރެއިން 13 މީހަކު މަރުވެއްޖެ އެވެ.

މިއީ މިބަލީގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީޙުން މަރުވި ދުވަހެވެ. އެންމެ ފަހުން މިބަލީގައި މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުން އައި 2 ދިވެހިންނެވެ. މިއީ 80 އަހަރުގެ އަންހެނަކާއި 58 އަހަރުގެ ފިރިހެނެކެވެ.

Ad
rt

މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު މިވަނީ 69 އަށް އަރާފަ އެވެ. މިބަލީގައި މިހާތަނަށް 142 މީހަކު ރާއްޖެއިން މަރުވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 24،057އަށް އަރާފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 282 މީހުންނަށެވެ.

އެގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 1417 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 5581 ސާމްޕަލް ނަގާފައިވެ އެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 814 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 33،136އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5581 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.