ރާއްޖެއިން ނުރައްކާތެރި ކޯވިޑް-19 ބަލީގައި އިތުރު 2 މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ދެ ދިވެހިންނެވެ. އެއީ 93 އަހަރުގެ ފިރިހެނަކާއި އަދި 85 އަހަރުގެ ފިރިހެނެކެވެ.

Ad
rt

މިބަލީގައި އިތުރު ދެ މީހުން ނިޔާވުމުން، މިއަދު މި ބަލީގައި ނިޔާވި މީހުންގެ އަދަދު 5 އަށް އެރީއެވެ. މިބަލީގައި އިއްޔެ ވެސް ވަނީ 6 މީހަކު ނިޔާވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މައުލޫމާތު ދެއްވާ ގޮތުގައި ނިޔާވި ދެ މީހުންނަކީ ވެސް ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ދެ މީހެކެވެ.

މީގެތެރެއިން 93 އަހަރުގެ މީހާ ނިޔާވީ ހެނދުނު 6:55 ގައެވެ. އަދި 85 އަހަރުގެ މީހާ ނިޔާވީ ހެނދުނު 7:44 ގައެވެ.

މިބަލީގައި ރާއްޖެއިން ނިޔާވާ މީހުން އިތުރުވަމުން ދާއިރު، މި މަހު އެކަނިވެސް 61 މީހަކު މިވަނީ މިބަލީގައި ނިޔާވެފައެވެ. މިއަހަރު ނިޔާވި މީހުންގެ ޢަދަދަކީ 83 އެވެ. އަދި ރާއްޖެއިން މިހާތަނަށް މިބަލީގައި ޖުމްލަ 134 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުނުވެ 23،464 މީހުން ތިބިއިރު، ހޮސްޕިޓަލްތަކުގައި 290 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަަނަށް 55،924 މީހަކަށް ވަނީ މިބަލި ޖެހިފައެވެ.