އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ، ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކޭކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައި ހުއްޓާ ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެން މަގާމުގެ ހުވާކުރައްވައި އޮފީހަށް ނުކުންނަވަން ފައްޓަވާފައިވާ މުހައްމަދު އަހުމަދު (އެމްޑީ) ބަންދުން ދޫކޮށްލި އަމުރު ހައިކޯޓުން މިއަދު ބާތިލްކުރުމާއި ގުޅޭ ހަބަރެއް ހިއްސާކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

ޝަމީމް ވިދާޅުވީ، މި ބާވަތުގެ މައްސަލަތަކުގައި ދައުވާ ލިބޭ މީހަކު އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކޭކަމަށެވެ.

"އެ ނިންމުމާއި، އެ ނިންމުން ބިނާކުރިކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ”: ޝަމީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ވެސް ގައްދޫ ކައުންސިލްގެ ރައީސްކަން ކޮށްފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަހުމަދު ކައުންސިލުގެ ރައީސްގެ މަގާމަށް އިންތިހާބުވީ، 85 ވޯޓުގެ ކުރި ހޯދައިގެންނެވެ.

ޝަރީއަތް ނިމެންދެން މުޙައްމަދު އަޙްމަދު ބަންދުކޮށްފައި ހުއްޓާ، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. އެ އަމުރާ މެދު ހިތްހަމަނުޖެހެހިގެން ޕީޖީ އޮފީހުން މީގެކުރިންވަނީ ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފުކޮށްފަ އެވެ.

ހައިކޯޓުން މިއަދު އެމައްސަލައިގައި ނިންމާފައިވަނީ އޭނާ ދޫކޮށްލުމަށް ކޮށްފައިވާ އަމުރު ގޯސް ކަމަށެވެ. އެހެންކަމުން މީނާ އަލުން ބަންދަށް ބަދަލުކުރެވޭނެކަމަށް ޕީޖީ އޮފީހުން މިއަދު މަޢުލޫމާތުދެއްވާފައިވެއެވެ.

ކައުންސިލަރުންގެ ހުވާކުރުން އޮތީ އޭނާ ބަންދުން ދޫކޮށްލާފައި ހުރި މުއްދަތުގައެވެ.