ށ. ކޮމަންޑޫ، މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާގެ އެހީތެރިކަމާއެކު ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ފުޓްސަލް ދަނޑެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކޮމަންޑޫގައި ހުންނަ ށ. އަތޮޅުގެ ތައުލީމީ މަރުކަޒުގައި އެރަށުގެ "މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާ"ގެ އެހީތެރިކަމާއެކު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 100 ފޫޓާއި 50 ފޫޓް ޓާފް ފުޓުސަލް ދަނޑެއްކަމަށް ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން "ތިލަދުން"އަށް ވިދާޅުވިއެވެ.
މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާއިން މިހާރު ވަނީ މި ދަނޑު އެޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ކޮމަންޑޫއަށް ގެންގޮސްފައެވެ.
މި ފުޓްސަލް ދަނޑު އެޅުމަށް ބޭނުންވާ ވެލި ޖަމާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރި ވަމުންދާނީ ކޮމަންޑޫގައި ހުންނަ ސަރުކާރު މުއައްސަސާތަކާއި، މަސްވެރިންނާއި ބެލެނިވެރިންގެ އިތުރުން ޒުވާނުންނެވެ.
"ޖަމިއްޔާގެ ފަރާތުން ޕިޗް ތައްޔާރުކުރަން ބޭނުންވާ ތަކެތި ފޯރުކޮށްދެނީ. ޕިޗް ތައްޔާރުކުރުމުގެ މަސައްކަތުގައި ޖުމްލަކޮށް ރަށުގެ ރައްޔިތުން ބައިވެރިވާނެ. ރަށުގެ ތަރައްގީއަށް ޓަކައި މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން މިކަން ކުރިއަށް ގެންދާތީ ވަރަށް އުފާވޭ، އަދި އެ ޖަމިއްޔާގެ ހުރިހާ މެންބަރުންނަށާއި މިމަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށް ޝުކުރުއަދާކުރަން"
ކޮމަންޑޫ ކައުންސިލްގެ ރައީސް ސިނާން ވިދާޅުވިއެވެ.
ކޮމަންޑޫ މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާއަކީ، ކޮމަންޑޫގެ ހުރިހާ މަސްދޯނިފަހަރު ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެއްކަމަށް ކައުންސިލްގެ ރައީސް ސިނާން ވިދާޅުވިއެވެ. އަދި ޖަމިއްޔާ ހިންގަނީ ކަންނެލި ކިރާ ކުންފުޏެއްގައި ރަޖިސްޓްރީކޮށްގެން ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
މިކުންފުނީގައި ރަޖިސްޓްރީވެގެންް ހިންގާ ޖަމިއްޔާތަކަށް، ކިރާ ކޮންމެ ކަންނެލި ކިލޯއަކަށް 2 ރުފިޔާގެ ރޭޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއެވެ. އަދި، މި ފައިސާ އެރަށެއްގެ ތަަރައްގީއަށް ހަރަދުކުރުމަށް އެކުންފުނީގެ ފަރާތުން ބާރުއަޅައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!