ނުރައްކާތެރި ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެކެވެ.
އެމީހާއަކީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެއްސެކެވެ. އޭނާ ނިޔާވީ ހެނދުނު 8:07 ގައެވެ.
ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމުން މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 124 އަށް އެރީއެވެ.
މިބަލީގައި ރޭ ވަނީ 39 އަހަރުގެ ދިވެހި އަންހެނެއް ވެސް ނިޔާވެފައެވެ. އަދި އިއްޔެ ހަވީރު އުމުރުން 59 އަހަރުގެ މީހަކުވެސް ނިޔާވިއެވެ.
މި އަހަރުގެ މިހާތަނަށް 73 މީހަކު މިބަލީގައި ނިޔާވެފައިވާއިރު، މި މަހު އެކަނިވެސް 51 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.
ރާއްޖެއިން އިއްޔެ ވެސް އިތުރު 1،960 މީހަކު ވަނީ އަލަށް މިބަށްޔަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 1،518 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 431 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ރަށްތަކުންނެވެ. އަދި ރިސޯޓަކުންވެސް 11 މީހަކު ޕޮޒިޓިވްވިއެވެ.
މިހާތަނަށް ރާއްޖޭގެ 54،365 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. އަދި މިވަގުތު ރާއްޖޭގައި މިބަލިން ރަނގަޅު ނުވެ 22،421 މީހުން އެބަތިއްބެވެ.
މިބަލީގެ ސަބަބުން މިވަގުތު 294 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން 16 މީހަކު އޮތީ އައިސީޔޫގައެވެ. 8 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!