ޔަހޫދީންގެ ފަނާކުރަނިވި ރޮކެޓު ހަމަލާތަކުގައި އަނިޔާވި ފަލަސްތީނީންނަށް ދިވެހިންގެ އެހީ ލިބެންފަށައިފިއެވެ.
އެގޮތުން މިއަދު ޣައްޒާގެ އުތުރުގައި ހުންނަ ބޮޑު ހޮސްޕިޓަލެއްކަމަށްވާ "އިންޑޮނީސިއާ ހޮސްޕިޓަލް" އަށް މިވަނީ ދިވެހީންގެ އެހީގައި 20 ވީލްޗެއަރ ހަދިޔާކުރެވިފައެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން މެދުވެރިކޮށް ގެންދަނީ ދިވެހިންގެ އެހީ ޣައްޒާއަށް މި އުނދަގޫ ދަނޑިވަޅުގައިވެސް ފޯރުކޮށްދެމުންނެވެ.
މިދިޔަ ހަފްތާގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ވަނީ ޣައްޒާގެ ހޮސްޕިޓަލަކަށް ކަރަންޓުވެސް ފޯރުކޮށްދީފައެވެ. އަދި މިހާރުވެސް ގެތައް ސުންނާފަތިވެ މަގުމަތިވެފައިވާ ޣައްޒާގެ އެތައް ސަތޭކަ އާއިލާތަކަށް އެ ޖަމިއްޔާ މެދުވެރިކޮށް ދިވެހިންގެ އެހީތެރިކަމާއިއެކު ގެންދަނީ ކެއުން ހަމަޖައްސައިދެމުންނެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި އެ ޖަމްއިއްޔާއިން ގެންދަނީ 2016 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް ދިވެހިންގެ އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން މި އުނދަގޫ ވަގުތުގައި ޣައްޒާގެ އެތެރޭގައި ތިބި ޕާރޓްނަރުންގެ އެހީއާއިއެކު ދިވެހިންގެ އެހީ ގެންދެވެނީ މުސްލިމް އަޙުންނާއި އުޙްތުންނަށް ފޯރުކޮށްދެވެމުންނެވެ.
ޖޫން 5 ވަނަ ދުވަހާއި ހަމައަށް ދިވެހިންނަށް ޣައްޒާއަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އެ ޖަމްއިއްޔާއިން ވަނީ ހުޅުވާލާފައެވެ.
މިއެހީތެރިކަން ފޯރުކޮށްދެއްވުމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް 9122121 ގުޅުއްވުމަށް އެޖަމިއްޔާއިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!