ފަލްސްތީނު ރައްޔިތުނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް، ފަލަސްތީނަށް އެހީވުމުގެ ގޮތުން ހދ.ނެއްލައިދޫގެ ކައުންސިލާއި ރަށުގެ ޒުވާނުން ގުޅިގެން ހދ.ނެއްލައިދޫގައި ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.
މިހަރަކާތް މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ނެއްލައިދޫގެ ގޭގެއަށް ފަންޑުފޮށި ހިފައިގެން ޒިޔާރަތްކޮށް ޖުމްލަ 35،700 ރުފިޔާ އާއި 118 ޑޮލަރު އިއްޔެގެ ހަރަކާތުން ލިބިފައިވާކަމަށް ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވިއެވެ.
މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ރަށުގެ ފިހާރަތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމަށް ނިންމާފަވައިކަމަށް ވިދާޅުވިއެވެ. އަދި، މިމަހުގެ 29 ވަނަ ދުވަހު މިހަރަކާތް ނިންމާލުމުގެ ގޮތުން ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުގެ ކަނބަލުންނާ ގުޅިގެން، ރަށުގެ އެކިއެކި ހިސާބުތަކުގައި ކައިބޯތަކެތި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ކައުންސިލުން ހިއްވަރުދެނީ އޮންލައިން ޑެލިވަރީގެ ޚިދުމަތް ހިޔާރުކުރުންކަމަށް ކައުންސިލުން ވިދާޅުވި އެވެ.
"ކައިބޯތަކެތި ވިއްކުމަށް 5 ކައުންސިލަރުންނަށް 5 ޕޮއިންޓް ދިނުމަށް ގަސްތުކޮށްފައިވާނެ. ކޮންމެ ޓީމެއް ލީޑްކުރާނީ ކައުންސިލަރެއް. ޓީމްވޯކް ވަރުގަދަ ކުރުމަށާއި ރަށުގަ ކޯވިޑްގެ ހާލަތަށް ބަލައިފަ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ނޫޅެވޭނެ ގޮތަކަށް ހަރަކާތް އިންތިޒާމްކުރާނީ" މިނޫހަށް މަޢޫލޫމާތުދެމުން އިއްޔެ އަލީފް ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ނާޒުކް ދަނޑިވަޅެއްގައިވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ނެއްލައިދޫ ކައުންސިލްގެ ރައީސް ވަނީ ފާހަގަކޮށްފައެވެ.
"މި ހާލަތުގައި ކިތައްމެ ދަތިކަމުގައި ވިނަމަވެސް، އިސްލާމީ އުއްމަތަކަށް އެހީތެރިވުމަށް ރައްޔިތުންގެ މެދުގައިވާ ލޯބި ފެނިގެންދިޔަ. ނެއްލައިދޫ ރައްޔތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރަން. މި އިވެންޓުންވެސް އުއްމީދު ނުކުރާހާ ރަނގަޅު ނަތީޖާއެއް ނެރެވުނު" އަލީފް ވިދާޅުވި އެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އެހީތެރިވުމުގެ ގޮތުން އޮންލައިން ޓްރާންސްފަރ ހަމަޖެހިފައިވާކަމަށާއި ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސާމީ ގެ އެކައުންޓް ނަންބަރު (7730000051295) އަށް ޓްރާންސްފަރ ކުރުމަށް ފަހު ކައުންސިލްގެ އެކައުންޓް އޮފިސަރ ޖަމްޝީދު އަބްދުލްގައްޔޫމް ނަންބަރ (9902325) ސްލިޕް ވައިބަރ ކުރުމަށް އެދެއެވެ.
ކޯވިޑް-19 ގެ ނުރައްކާ ތިލަދުންމަތީގެ ގިނަރަށްތަކަަށް ފެތުރިފައިވާއިރުވެސް ތިލަދުންމަތީގެ ރަށްތަކުންވަނީ ފަލަސްތީނާއެކު ތިބިކަން އެކިއެކި ހަރަކާތްތަކުގެ ޒަރިއްޔާއިން އަންގައިދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!