ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) މަގާމުތަކުން ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަޙްމަދު ޢީސާ އެކަހެރިކޮށް ތަޙްޤީޤު އަވަސްކުރުމަށް އެޕާޓީން ގޮވާލައިފި އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީގެ މެމްބަރ އަޙްމަދު ޢީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުޙުމަތުތަކެއް ކުރެވިފައިވާތީ، އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ އެ ޢަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާކަމަށެވެ.

Ad
rt

އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް އަވަހަށް ހިންގަވައިދެއްވުމަށް އެމް.ޑީ.ޕީ އިން ކަމާބެހޭ މުވައްސަސާތަކަށް ގޮވާލާކަމަށް ބުނެފައިވެއެވެ.

"ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ ޢަމަލުތަކަކީ މި ޕާރޓީން އެއްގޮތަކަށް ވެސް ޓޮލަރޭޓްކުރާނޭ ޢަމަލުތަކެއް ނޫން"

އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ، އަޙްމަދު ޢީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލާގައި އެ ޕާރޓީގެ ފިޔަވަޅުއަޅާ ކޮމެޓީން މިއަދުވަނީ، އެ މައްސަލައިގެ ޖިނާޢީ ތަޙްޤީޤު ނިމެންދެން، އެ ޕާރޓީގެ ޤައުމީ މަޖިލީހުންނާއި، ޕާރޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުޤައްރިރުކަމުން އޭނާ އެކަހެރިކުރުމަށް ނިންމާފަކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު ޢީސާ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުޤައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް ނިންމާފައިވާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އަޙްމަދު ޢީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން، ވަގުތުން އެޅެންހުރި ފިޔަވަޅުތަކާ މެދުގައާއި އަދި ޖިނާޢީ ތަޙްޤީޤު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމް.ޑީ.ޕީ. ގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވެސް ފަށާފައިވާކަން މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.