ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ކުއްވެރިކޮށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން ނޫސް ބަޔާނެއް ނެރެފި އެވެ.

މިއީ ދިއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުން އިންތިހާބުވެ ހުވާކުރެއްވުމަށްފަހު އެކައުންސިލުން ނެރުނު ފުރަތަމަ ބަޔާނެވެ.

Ad
rt

އެކައުންސިލުން މިއަދު ނެރުނު އެބަޔާނުގައި ބުނެފައިވަނީ، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމުގެ ނިޔަތުގައި، 6 މޭ 2021 ވަނަ ދުވަހުގެ ރޭ އެ މަނިކުފާނުގެ ގެކޮޅު ކައިރިން ކާރަށް އަރާ ވަޑައިގަންނަވަނިކޮށް ދީފައިވާ ނުރައްކާތެރި ލާއިންސާނީ ނިރުބަވެރި ހަމަލާ އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އަދި އެމަނިކުފާނަށް އެތައް ގެއްލުންތަކެއް ލިބިލެއްވި، މި ހަމަލާއަކީ އެ ކައުންސިލުން އެއްވެސް ގޮތަކަށް ބަލައިގަންނަ ޙަމަލާއެއް ނޫންކަމުގައި ދަންނަވާފައިވެއެވެ.

"މި ޙަމަލާއަކީ އެމަނިކުފާނުގެ އިތުރުން ދިވެހި ކޮންމެ ދަރިއެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ރަމްޒުކޮށްދޭ ޙަމަލާއެއް ކަމަށްވާތީ، މި ޙަމަލާގެ ފަހަތުގައިވާ ހުރިހާ ނިރުބަވެރިން ހޯދާ އެ ފަރާތްތަކަށް ޙައްޤު އަދަބު ވީހާވެސް އަވަހަށް ދިނުމަށް މި ކައުންސިލުން ގޮވާލަމެވެ."

އެކައުންސިލްއިން ނެރުނުބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ، މިޙަމަލާގައި އަނިޔާ ލިބިލެއްވި ރައީސް މުޙައްމަދު ނަޝީދަށާއި އެމަނިފާނުންގެ ސެކިއުރިޓީ
އޮފިސަރުން އަދި އަނިޔާ ލިބިލެއްވި އާންމު ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކުރައްވާ، އަނިޔާ ލިބުނު ބޭފުޅުންގެ އާޢިލާތަކަށް
ކެތްތެރިކަން ދެއްވުމަށް އެދި ކީރިތި ﷲ ގެ ޙަޟްރަތުގައި ދަންނަވާކަމަށެވެ.

"މި ދަނޑިވަޅުގައި ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދީ އަމާން އޮމާން ވެއްޓެއް ޤާއިމުކޮށްދިނުމަށް ކަމާ ގުޅުންހުރި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލަން"

އެބަޔާނުގައި ބުނެފައިވެއެވެ.

މިބަޔާނުގެ އިތުރުންވެސް އެކައުންސިލުން މިއަދު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހައްދުފަހަނަ އެޅި އިސްލާއިލުން ދެމުންދާ ނިބުރުވެރި ހަމަލާތައް ކުއްވެރިކޮށް ބަޔާނެއްނެރެފައެވެ.