އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަދުވަހުގެ ރޭ ލިވަޕޫލާއި ބާންލީ ބައްދަލުކުރި މެޗު ލިވަޕޫލް ކާމިޔާބު ކުރުމާއިއެކު ލީގުގެ ގަދަ ހަތަރެއްގެ ފަހު ދެ ޖާގައަށް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ތިން ޓީމްގެ މެދުގައި ވާދަވެރިކަން ބޮޑުވެއްޖެއެވެ. މި މެޗު ލިވަޕޫލް ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މިވަގުތު ގަދަ ހަތަރެއްގެ ޖާގަ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށާއި އަދި ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ކަށަވަރު ވެފައިވާއިރު ފަހު ދެ ޖާގައަށް ޗެލްސީ އަދި ލިވަޕޫލްގެ އިތުރުން ލެސްޓާ ސިޓީ އަންނަނީ ވާދަކުރަމުންނެވެ.

Ad
rt

ޕޮއިންޓް ތާވަލު މިވަގުތު އޮތްގޮތަށް ބަލައިލާއިރު އެއްވަނާގައި ސިޓީ އޮތީ 37 މެޗުން 83 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ޔުނައިޓެޑް 37 މެޗުން 71 ޕޮއިންޓް ހޯދައިގެން އޮތްއިރު 37 މެޗުން 67 ޕޮއިންޓް ހޯދައިގެން ތިންވަނާގައި އޮތީ ޗެލްސީއެވެ. ހަތަރުވަނާގައި 37 މެޗުން 66 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތްއިރު ފަސްވަނާގައި އޮތީ 66 ޕޮއިންޓާއިއެކު ލެސްޓާ ސިޓީއެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ އެއްމެޗު އޮތްއިރު ފަހު މެޗުގައި ޗެލްސީ ނުކުންނާނީ އަންނަ ސީޒަންގައި ޔޫރަޕާ ލީގުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ މިވަގުތު ތާވަލުގެ 6 ވަނާގައި 62 ޕޮއިންޓް ހޯދައިގެން އޮތް ވެސްޓްހަމްއާއެވެ.

ލިވަޕޫލް ލީގުގެ ފަހު މެޗުގައި ބައްދަލުކުރާނީ ކްރިސްޓަލް ޕަލަސްއާއެވެ. މި މެޗު ކާމިޔާބުކޮށް ގަދަހަތަރެއްގެ ޖާގަ ކަށަވަރު ކުރުމުގެ އަމިއްލަ ބާރު ލިވަޕޫލަށް އެބައޮތެވެ.

ލެސްޓާ ފަހު މެޗުގައި ނުކުންނާނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާއި ދެކޮޅަށެވެ. އަންނަ ސީޒަނަށް ޔޫރަޕާ ލީގުން ޖާގަ ހޯދުމަށް އެ ޓީމުން މަސައްކަތް ކުރަމުން އަންނަ އިރު އެ ޓީމް މިވަގުތު އޮތީ ހަތްވަނާގައެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ވެސް ތަނަވަސް ކޮށްފައެވެ. މި މެޗުގައި އެ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ 43 ވަނަ މިނެޓުގައި ފިރްމީނޯއެވެ. މެޗުގެ 52 ވަނަ މިނެޓުގައި ލިވަޕޫލަށް ދެވަނަ ލަނޑު ފިލިޕްސް ކާމިޔާބު ކޮށްދިންއިރު އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު 88 ވަނަ މިނޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޗެމްބަލިންއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފައިވަނީ ހަތަރުވަނައަށް ޖެހިލެވުނު ކަމުގައި ވިޔަސް އަދި އެއްވެސް ކަމެއް ކަނޑަނޭޅޭ ކަމަށެވެ. އަދި މި ކާމިޔާބު ކުރެވުނީ ސެމީ ފައިނަލް މެޗުކަމަށާއި އަދި ކުރިއަށް ފައިނަލް މެޗު އޮތީކަމަށެވެ. ފަހުމެޗުގައި ވާދަކުރަންޖެހޭ ޕަލަސްއަކީ ވަރުގަދަ ޓީމެއް ކަމަށާއި ވުމާއިއެކު ރަނގަޅަށް އަރާމްކޮށް އެ މެޗަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށެވެ.