ކޯވިޑް-19 ބަލީގެ ހާލަތާއި ގުޅިގެން "ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަކަށް އެދިފައެއް ނުވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިހެން ބުނެފައިވަނީ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެންމެ ފަހުން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވާހަކަ ދެކެވޭތީ އެކަން އޮޅުން ފިލުވައިދެއްވުމުގެ ގޮތުންނެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯ ވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދަނީ ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަން ހޯދަމުން ކަމަށެވެ. ނަމަވެސް "ކޮންޓްރޯލް ގެއްލި" ޚާއްސަ އެހީއަކަށް އެދިފައެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސުވާލު ކުރެވުމުން، ބައިނަލްއަގްވާމީ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށާ އެހީ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންވެސް ގެންދާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
އެހީތެރިވެދޭ ގައުމުތަކާއެކު އެކި މަޝްވަރާތައް ހިނގަމުންދާކަން ފާހަގަ ކުރަށްވައި، ކުރީންވެސް އެކި ގައުމުތަކުން ލިބިފައިވާ އެހީތެރިކަން އޭނާ ވަނީ ފާހަގަ ކުރަށްވާފަ އެވެ. އަދި މިހާރުވެސް އެފަދަ އެހީތައް ބޭނުން ކުރަމުންދާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ނާޒުކް ފައްތަރެއްގައި އޮތްއިރު މިހާލަތުން އަރައިގަތުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވައި، މަސައްކަތް ކުރަށްވަމުންނެވެ.
ރާއްޖޭގައި މިހާތަނަށް 48،601 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. އަދި 112 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. މި މޭމަހު ވެސް މިހާތަނަށް 39 މީހެއް ވަނީ މިބަލީގައި ނިޔާވެފަ އެވެ. އިއްޔެވެސް 7 މީހަކު ނިޔާވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!