ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ 7 މީހަކު ނިޔާވެ، މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދު 39 އަކަށް އަރައިފި އެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 112 އަރާފައެވެ.
މިއަދު އެންމެފަހުން ކޮވިޑް ޖެހިގެން ނިޔާވީ މިއަދު މެންދުރު 12:16 ހާއިރު އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 62 އަހަރުގެ އަންހެނެއްކަމަށް ހެލްތު ޕްރޮޓްކެޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މަޢުލޫމާތުދެއެވެ.
މީގެއިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ތިން މީހަކު ވަނީ ނިޔާވެފަ އެވެ. ލ. ގަން ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 2 މީހަކުވެސް މިއަދު ވަނީ ނިޔާވެފަ އެވެ.
މީގެއިތުރުން މިއަދު ހެނދުނު އައިޖީއެމްއެޗް އީއާރަށް ގެންދިޔަ 73 އަހަރުގެ މީހަކުވެސް ވަނީ ނިޔާވެފަ އެވެ.
ކޯވިޑްގެ ކޭސްތައް ފަހަކަށް އައިސް އިތުރުވަމުން އަންނައިރު، މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ ދުހަކަށްވުރެއް ދުވަހެއް އިތުރުވަމުންނެވެ.
އިއްޔެވެސް މި ބަލީގައި 4 ދިވެއްސަކު ވަނީ ނިޔާވެފައެވެ. ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ ތެރެއިން 98 މީހުންނަކީ ދިވެހިންނެވެ. އަދި 14 މީހުންނަކީ ބިދޭސީންނެވެ.
އެޗްޕީއޭއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ކޯވިޑް ކޭސްތަކެއް ފެނި 61 ރަށެއް މިވަގުތުވެސް އޮތީ އަރާ ފޭބުމުން މަނާކޮށް މޮނީޓަރިންގެ ހާލަތުގައެވެ. ފަރުވާދޭ މީހުންގެ ޢަދަދު 18،000 އަށްވުރެ މައްޗަށް ގޮސް، 268 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!