އިރުމަތީ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށާއި އުރުދުން ކޯރާއި ދެމެދުގައިވާ ފަލަސްތީނަކީ ދިގު ތާރީޚެއް އޮތް ޤަދީމީ ސަރަހައްދެކެވެ. އަސީރިއަނުންނާއާއި، ބާބިލޯނިއަނުންނާއާއި، ރޯމަނުން އަދި އުޘްމާނީ ޚިލާފަތް ފަދަ ގިނަ ހަޟާރާތްތަކެއްގެ އަތްދަށުވެފައިވާ މި ސަރަހައްދަކީ ދީނީގޮތުންނާއި އެހެނިހެން ގޮތްގޮތުން ގިނަ ޚިލާފުވުންތަކެއް އެކުލެވިގެންވާ ސަރަހައްދެކެވެ.
އަޅުގަނޑުގެ އަމާޒަކީ މި ލިޔުމުން ތިޔަ އެންމެހާ ކިޔުންތެރިންނަށް ފަލަސްތީނާއިމެދު ކުރިން އެނގިފައިނުވާ ބައެއް ވާހަކަތައް ތިލަކުރުމެވެ. ހާއްސަކޮށް ކުރީގެ ބައެއް ތާރީޚީ މަޢުލޫތެވެ.
ފަލަސްތީނުގެ ބޮޑު ތާރީޚަކީ އަޅުގަނޑުމެން ދިވެހިން ގަޔާވާ ތާރީޚެކެވެ. މަދަރުސާގައި ކިޔަވާ ފޮތްތަކުގައްޔާއި އަދި އެކިއެކި ޓީވީ ޕޮރޮގުރާމުތަކުގެ އިތުރުން އެހެނިހެން ޒަރިއްޔާތަކުން ނަމަވެސް ފަލަސްތީނުގެ ވާހަކަ ދިވެހިން ދަނީ އަބަދުވެސް އަޑު އަހަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ތަހަންމަލު ކުރަމުންދާ ދަތި ދިރިއުޅުން އަޅުގަނޑުމެންނަށް އަބަދުވެސް ދަނީ ފެންނަމުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ކުރިމަތި ކުރަމުން ގެންދާ އުނދަގޫތަކާއި، އަނިޔާތަކާއި އަދި ހިންގަމުން ގެންދާ ޤަތުލުއާމުތަކަށް މުޅި ދުނިޔެ ވަނީ ކަނުވެފައެވެ. މި ހާލަތަށް ފަލަސްތީނު ވެއްޓެން މެދުވެރިވި ސަބަބަކީ ކޮބައިތޯއެވެ؟
މިއީ މުހިންމު ސުވާލެކެވެ. މި ސުވާލަކީ ޖަވާބުދޭން އުނދަގޫ ސުވާލެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. ވިސްނައި ފިކުރު ކުރާ ކޮންމެ މީހަކަށް ހަޤީޤީ ޖަވާބު ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. މި ހަޤީގަތްތަކުގެ ވާހަކަ މާގިނައިން ދައްކާ ނޫޅެނީ ސަބަބުތަކަކަށް ޓަކައެވެ. މި ހަޤީޤަތްތައް އަޅުގަނޑުގެ ޤާބިލްކަން ހުރި މިންވަރަކުން ހާމަކުރުމަކީ މި ލިޔުމުގެ މައިގަނޑު ބޭނުމެވެ.
1917-1516 އުޘްމާނީ ޚިލާފަތް:
މީލާދުން 1516 ވަނަ އަހަރު ”މަމްލުކް“ ހިލާފަތުގެ ވެރިޔާ ”ކަންސު ގަވްރީ“ އާއި އުޘްމާނީ ހިލާފަތުގެ ޔަވުޒް ސުލްތާން ސެލިމްގެ ކުރިމަތިލުންތަކަށްފަހު ފަލަސްތީނާއި ސީރިޔާގެ ބިންތައް އުޘްމާނީ ޚިލާފަތުގެ ބާރުގެދަށަށް ދިޔައެވެ. އޭރުގައި މިހާރުގެ ފަލަސްތީނަށް ކިޔައި އުޅެނީ ”ދެކުނު ސީރިޔާ“އެވެ.
އުޘްމާނީ ޚިލާފަތުގައި ފަލަސްތީނު ތިން ބަޔަކަށް ބަހާލެވުނެވެ. ބައިތުލް މަޤްދިސް، ޣައްޒާ އަދި ނަބްލުސް، މި ތިން ސަރަހައްދު ވެސް ސީރިޔާގެ ދިމިޝްކު ޕްރޮވިންސްއާއި ގުޅާލެވުނެވެ. ބެލެވޭގޮތުގައި އޭރު ފަލަސްތީނުގައި %80 މުސްލިމުން، %10 އަރަބި ނަޞާރާއިން އަދި %5 – %7 ދެމެދުގައި ޔަހޫދީންގެ އާބާދިއެއް އޮތްކަމުގައި ވެއެވެ. ބައިތުލް މަޤްދިސް ބިމުގައި މުސްލިމުން، ޔަހޫދީން އަދި ނަޞާރާއިންގެ މުޤައްދަސް ބިނާތައް އެކުލެވިގެން ވުމާއިއެކު ވެސް އުޘްމާނީ ޚިލާފަތުގައި އަމާންކަމާއި މިނިވަންކަމުގައި ފާގަތި 401 އަހަރު ފަލަސްތީނު އޮތެވެ.
1913 ވަނަ އަހަރާއި ހަމައަށް އުޘްމާނީ ޚިލާފަތުގެ ބާރު މެދުއިރުމަތީގައި ކުޑަވިއެވެ. ނަމަވެސް ފަލަސްތީނު އޮތީ އޭރުވެސް ތުރުކީގެ ބާރުގެ ދަށުގައެވެ.
އިނގެރޭސިންނާއި، ޒަޔަނިސްޓުން
އިނގިރޭސިންގެ ތެރޭގައި އެ ދުވަސްވަރު ތިބި ޔަހޫދީންނާއި އަދި އިނގިރޭސިން ވެސް ގަބޫލުކުރާ ގޮތުގައި، ފަލަސްތީނަކީ އެމީހުންގެ ފޮތް ކަމަށްވާ ބައިބަލްގައި ލިޔެވިފައިވާ މުޤައްދަސް ބިމެވެ. އަދި އެ ބިމަކީ ޔަހޫދީންނާއި ނަސޯރާއިންނަށް ހައްޤުވެފައިވާ ބިމެއްކަމުގައި އެބައިމީހުން ޤަބޫލުކުރެއެވެ. މި ހައްޤުވުން ބިނާވެފައި ވަނީ ބައިބަލްގައި އައިސްފައިވާ ވާހަކަ އަކުންނެވެ. ”ކަލާންގެ“ ވަނީ ޔަހޫދީންނަށް އެބިން ދެއްވާފައިކަމާއި އެގޮތުން ހުރިހާ ޔަހޫދީނަށް ފަލަސްތީނުގެ ބިން ހައްގުވާކަމަށް އެބައިމީހުން ގަބޫލުކުރެއެވެ.
މިހާރުގެ ޔަހޫދީ ވަޒަންވެރިންނަކީ އަރަބި ނުވަތަ ކުރިން ދެންނެވުނު ފަލަސްތީނުގެ ޔަހޫދީ ވަޒަންވެރިންގެ ދަރިފަސްކޮޅާއި އެއްވެސް ގުޅުމެއްނެތް ބައެއްކަމުގައި ވަނީ ހާމަވެފައެވެ. މިއީ ދުނިޔެ ދުށް އެންމެ އާދަޔާ ޚިލާފު ”ހައްޤުވެރިންނެވެ“. އަހަރުން އަހަރަށް ބަދަލުވަމުން އަންނަ ފޮތަކަށް ބިނާކޮށް އަދި ތިމާމެން ޤަބޫލުކުރާ ޤަބޫލުކުރުމަށް ބިނާކޮށް މުދަލެއް ނުވަތަ ބިމެއް ހައްޤުވާނެތޯއެވެ؟
އިނގިރޭސި ސަރުކާރުން ދިއައީ އެކި ގޮތްގޮތުން ފަލަސްތީނުގެ ތެރެއައް ވަންނަމުންނެވެ. އެގޮތުން ފަލަސްތީނުގެ ބިމުގެ ޗާޓު ކުރެހުމާއި އެކިއެކި އާސާރީ ތަންތަން ހޯދައި، ހިމާޔަތް ކުރުމަށް އިނގިރޭސިން ދިއައީ މަސައްކަތްތަކެއް ކުރަމުންނެވެ.
ނަވާރަވަނަ ގަރުނުގައި މެދު އަދި އިރުމަތީ ޔޫރަޕުގެ ޤައުމުތަކުގައި އުފެދުނު ޒަޔަނިޒަމް ނުވަތަ ޒަޔަނިސްޓުންނަކީ ޔަހޫދީ ދައުލަތެއް އޮންނަން ޖެހޭކަމަށް ބުނެ، އެކަމަށް ވާގިވެރިވާން އުފެދިފައިވާ ޖަމާޢަތެކެވެ.
ތިއޮޑޯރ ހާރޒަލް ނަމަކަށް ކިޔާ ޔަހޫދީ ނޫސްވެރިއެއް މިކަމަށް ވަރަށް ބޮޑަށް އަޑު އުފުލަމުން ގެންދިޔައެވެ. ޔަހޫދީންނަށް ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު އޮތީ ވަކި ދައުލަތެއް އޮތުމުން ކަމަށް ބުނެ އަދި އެކަމަށް އެންމެ އެކަށީގެންވާ ބިމަކީ މެދުއިރުމަތީގެ ފަލަސްތީނުގެ ބިން ކަމުގައި ބުންޏެވެ.
އަދި މިގޮތުން އުޘްމާނީ ދައުލަތުގެ ވާގިވެރިކަމަށް އެދުނެވެ. ނަމަވެސް ފަލަސްތީން އުޘްމާނީ ވެރިކަމުގެ ބޭރުން މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމަށް އުޘްމާނީ ދައުލަތުން ދެކޮޅު ހެދިއެވެ. ދެން އިނގިރޭސިންގެ ވާގިވެރިކަމަށް އެދުނެވެ. އަދި އިނގިރޭސިން ޔަހޫދީންނަށް އެފްރިކާގެ ޔުގަންޑާގެ ފަޅުބިންތައް ދިނުމަށް ހުށައެޅިއެވެ. ނަމަވެސް ގޮތްދޫނުކުރުމެ ލާމަސީލު ޔަހޫދީން އެކަމަށް އިންކާރުކޮށް ފަލަސްތީނުން ބިން ބޭނުންވާކަމުގައި ތަކުރާރުކޮށް ބުނަމުން ދިއައެވެ.
ފުރަތަމަ ބޮޑު ހަނގުރާމަ 1914
ފުރަތަމަ ބޮޑު ހަނގުރާމައިގައި ތުރުކީއިން ވަނީ ޖަރުމަނާއި ގުޅިފައެވެ. އިދިކޮޅުގައި އިނގިރޭސިންނާއި ފުރާންސް އޮތެވެ. ކަން މިހެން އޮތުމާއިއެކު، ފަލަސްތީނުގެ ވެރިކަން އޮތީ މި ހަނގުރާމައިން ކާމިޔާބު ލިބޭ ބައެއްގެ އަތުގައެވެ. އިނގިރޭސިން އަދި ފަރެންސޭސިން ވެސް ފަލަސްތީނާއި ސީރިޔާގެ ބިންތަކަށް ދިޔައީ ކަޅި އަޅަމުންނެވެ. އަދި ޒަޔަނިސްޓުން ވެސް ދިޔައީ އެ ދަނޑިވަޅުގައި ފަލަސްތީނު ހޯދުމަށް އިނގިރޭސިންގެ ކިބައިން އެދެމުންނެވެ.
މެދު އިރުމަތީގެ ބޮޑު ސަރަހައްދެއް އުޘްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައި އޮތުމާއިއެކު ފަލަސްތީނު އަތުލުމަށް އުނދަގޫވާނެކަން އިނގިރޭސިންނަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އަރަބިންގެ އެއްބައިވަންތަކަން ނިގުޅައިގަނެ ބައިބައި ކޮށްލުމަށްޓަކައި 1915 ވަނަ އަހަރު ”ޓީ އީ ލައުރެންސް“ ނަމަކަށް ކިޔުނު އިނގިރޭސި އޮފިސަރެއް އަރަބިންގެ ތެރެއަށް ފޮނުވިއެވެ.
މީނާގެ އެންމެ ބޮޑު އެއް މަޤުސަދަކީ މެދު އިރުމައްޗަށް މިނިވަންކަން ހޯދައިދިނުމަށް ބުނެ އުޘްމާނީ ޚިލާފަތާއި ދެކޮޅަށް އަރަބިން ނެރުމެވެ. އުޘްމާނީ ޚިލާފަތާއި ދެކޮޅަށް އަރަބި ޤަބީލާތައް ނިކުމެއްޖެނަމަ މެދުއިރުމަތީގައި މިނިވަން ދައުލަތްތަކެއް އުފެއްދުމަށް އިނގިރޭސިން ވައުދުވިއެވެ.
ހަނގުރާމައިގެ މި ދަނޑިވަޅުގައި ޔޫރަޕުގެ ޒަޔަނިސްޓުންނާއި އިނގިރޭސި ސަރުކާރުގެ ބައެއް އޮފިޝަލުން ދިއައީ ފަލަސްތީނާއި މެދު މަޝްވަރާކުރަމުންނެވެ. އަދި އިނގިރޭސި ސަރުކާރުގެ އޮފިޝަލުންގެ އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަންދިނެވެ. މިގޮތުން ހަނގުރާމައިން ކާމިޔާބު ލިބިއްޖެނަމަ މެދުއިރުމަތި އަދި ފަލަސްތީނުގެ އަމަން އަމާންކަން ބެލެހެއްޓުމަށް އިނގިރޭސިން ހަވާލުވާނެކަމަށް ކަނޑައެޅިއެވެ.
ފުރަތަމަ ބޮޑު ހަނގުރާމަ އަދި އަރަބި ދާޚިލީ ހަނގުރާމައިން ވެސް ނާކާމިޔާބުވެ އުޘްމާނީ ޚިލާފަތުގެ ބާރު އެއްކޮށް ކެނޑި އިނގިރޭސިންގެ ބާރުގެ ދަށަށް ފަލަސްތީނު ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޒަޔަނިސްޓުން އެމީހުންގެ މަސައްކަތަށް އެތަކެއް ފަސޭހައެއްވެ ކާމިޔާބުގެ ކުލަވަރުތައް ފެންނަންފެށިއެވެ.
ނަތީޖާއެއްގެ ގޮތުން ޒަޔަނިސްޓުން ދިއައީ އެބައި މީހުންގެ ޕްރޮޕެގެންޑާ ވަރަށް ފުރިހަމައަށް ފަތުރަމުންނެވެ. އެގޮތުން ފަލަސްތީނަކީ ފަޅު ޤައުމެއް ކަމާއި އަދި ބަޔަކު އުޅުނަސް އެބައިމީހުންނަކީ ކުދިކުދި ގަބީލާތަކަށް ނިސްބަތްވާ ދަނޑުވެރިންކަމުގައި ވާހަކަ ފެތުރިއެވެ.
އިނގިރޭސި ކެބިނެޓުގެ ގިނަ އޮފިޝަލުން ވެސް ޤަބޫލުކުރަމުން އައީ މި ދޮގު ޕްރޮޕެގެންޑާތަކެވެ. އެބައިމީހުންގެ މި ނުބައި ރޭވުމަށް އިތުރު ބާރެއް ލިބިގެން ދިއައީ ”ލޮއިޑް ޖޯޖް“ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރެއްގެ ގޮތުގައި ހަމަޖެއްސުމުންނެވެ. ފަލަސްތީނާއި މެދު މާބޮޑު މަޢުލޫމާތެއް އެނގިފައި ނެތުމާއިއެކުވެސް ބޮޑު ވަޒީރު ޔަހޫދީންނަށް ހަމްދަރުދީވެ އެބައިމީހުންގެ މަސައްކަތަށް ވަރަށް ބޮޑު އެއްބާރުލުމެއްދިނެވެ.
ބަލްފޯރ ޑެކްލަރޭޝަން
”ބްރިޓިޝް ފޮރިން ސެކްރެޓަރީ“ގެ މަގާމުގައި އޭރުހުރި ”އާތާރ ބަލްފޯރ“ އަކީ 20 ވަނަ ގަރުނުގެ ކުރީކޮޅު ޔަހޫދީން އިނގިރޭސި ވިލާތަށް ހިޖުރަކުރުމާއި ދެކޮޅަށް އެންމެ ބޮޑަށް ފާޑުކިޔައި އަދި އެކަމާއި ދެކޮޅަށް އަޑުއުފުލި މީހެކެވެ. ފޮރިން ސެކްރެޓަރީގެ މަގާމަށް އިސްކުރުމުން ”އާތާރ“ ޔަހޫދީންނަށް އެއްބާރުލުންދީ ފަލަސްތީނުގެ ބިން ހޯދައިދިނުމަށް އެތަކެއް މަސައްކަތް ތަކެއް ކުރިއެވެ. މިފަދައިން ކަންތައް ކުރީ ޔަހޫދީން އިނގިރޭސި ވިލާތުގައި ވަޒަންވެރި ނުކުރުމަށް ކަމުގައި ވެސް ވެދާނެއެވެ.
ކުރިން ދެންނެވުނު ފަދައިން ”އާތާރ ބަލްފޯރ“ އަކީވެސް ފަލަސްތީނާއި އަދި ފަލަސްތީނުގެ ރައްޔިތުންނާއި ބެހޭ ގޮތުން މާބޮޑު މަޢުލޫމާތެއް އެނގިފައިނުވާ މީހެކެވެ. ޔަހޫދީންގެ މަސައްކަތުން ފަލަސްތީނަކީ ބޮޑުބައި ފަޅު އަދި ރަށްފުށު ދިރިއުޅުމެއް އޮއްނަ މަދު ދަނޑުވެރިންތަކެއް އުޅެމުންދާ ބައެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ކުރިއެވެ. ނަމަވެސް ހަގީގަތުގައި، ފަލަސްތީނަކީ އެތަކެއް ހާސް ރައްޔިތުންނެއް ދިރިއުޅެމުންދިޔަ ޤައުމެކެވެ. އެތަކެއް ދާއިރާތަކަކުން އަދި ފަންނީ މަސައްކަތްތަކެއް ކުރަމުން އައި ބައެކެވެ. މިފަދަ ބޮޑު އޮޅުވާލުމެއް ދުނިޔެ ދެކިފައި ވޭހެއްޔެވެ؟
17 ޖުލައި 1917 ވަނަ އަހަރު ލަންޑަނުގެ ހޮޓަލެއްގެ ނޯޓު ކަރުދާހެއްގައި ޒަޔަނިސްޓުންގެ ބޭނުންތައް ލިޔުނެވެ. އެއީ ފަލަސްތީނު ޔަހޫދީ ދައުލަތަކަށް ހެދުމެވެ. މި ލިޔުން ލިޔުނީ އިނގިރޭސި ނޫސް މަޖައްލާއެއް ކަމަށްވާ ގާރޑިއަން ގެ ނޫސްވެރިޔާ ”ހެރީ ސެކަރ“ ނަމަކަށް ކިޔުނު ޒުވާން ނޫސްވެރިއެކެވެ. މި ލިޔުން ވެގެން ދިއައީ މެދު އިރުމަތީގެ އަދި ދުނިޔޭގެ ތާރީޚު ބަދަލު ކޮށްލަނިވި ލިޔުމަކަށެވެ.

މި ލިޔުމުގައި ޔަހޫދީން އަލުން ފަލަސްތީނުގައި ވަޒަންވެރި ކުރުމަށް ލިޔެވިފައިވެއެވެ. މި ލިޔުމުގައި އެތަކެއް ފަހަރު ”އަލުން ވަޒަންވެރި ކުރުމަށް“ ލިޔެފައިވަނީ ފަލަސްތީނުގެ ބިމަކީ އެތަކެއް ޒަމާނުއްސުރެ ޔަހޫދީން އުޅެ، ޔަހޫދީންގެ ހައްޤެއް ކަމަށް ދޭހަކޮށްދިނުމަށެވެ. މި ލިޔުމުގައި ފަލަސްތީނުގެ ވަޒަންވެރިންގެ އެއްވެސް މަޢުލޫމާތެއް ގެނެސްދީފައި ނުވެއެވެ. މިއީ ހަޤީޤަތާއި ޚިލާފު މަޢުލޫމާތު ތަކެއް ކަމަށް ވިޔަސް މިލިޔުމުގެ ސަބަބުން ޒަޔަނިސްޓުންގެ އެދުން އެބައި މީހުންނަށް ފުރިހަމަކުރެވުނެވެ. މި ލިޔުން ވެގެންދިއައީ ”ބަލްފޯރ ޑެކްލެރޭޝަން“ ގެ އަސްލުކަމުގައެވެ.
1917 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި އިނގިރޭސި ފޮރިން ސެކްރެޓަރީ އާތާރ ބަލްފޯރ ސޮއިކޮށް ޒަޔަނިސްޓު ވެރިއެއް ކަމަށްވާ ލޯޑް ރޮތުސްޗައިލްޑަށް ފޮނުވި ސިޓީގައި ޔަހޫދީންނަށް ހަމްދަރުދީ ވާކަމާއި އަދި ފަލަސްތީނުގައި ޔަހޫދީން ގެދޮރު އަޅައި އެބިމުގައި ވަޒަންވެރި ވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް އިނގިރޭސި ސަަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދިނެވެ.
”ނޮން ޖިއު ކޮމިއުނިޓީ“ ނުވަތަ ޔަހޫދީން ނޫން އެހެން މީހުންގެ ދީނީ މިނިވަންކަމާއި އަމާންކަމަށް ބުރޫ ނާރާނެގޮތެއްގައި އެކަން ކުރުމަށް އެންގިއެވެ. ”ނޮން ޖިއު ކޮމިއުނިޓީ“ މި ފަދައިން ލިޔުމުން ދޭހަކޮށްދެނީ އާބާދީއިން މަދު ބައެއްގެ ގޮތުގައެވެ. ނަމަވެސް %90 އަރަބިންގެ އާބާދީ އަކަށް ނިސްބަތްކޮށް ކުދި އާބާދީތަކަށް ނިސްބަތް ކުރާ އިބާރާތެއް ބޭނުންކޮށްފައި ވަނީވެސް ޔަހޫދީންގެ ނުބައި ރޭވުމުންނެވެ. މި ސިޓީއަކީ ”ބަލްފޯރ ޑެކްލެރޭޝަން“ އެވެ. ފަލަސްތީނުގެ އަމަން އަމާންކަން ނެތި ދިއުމުގެ ފެށުމެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!