ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލްގެ ދައުލަތުން ދެމުންދާ އުދުވަނީ ހަމަލާތައް ކުށްވެރިކޮށް އުތުރުގެ 7 ރަށަކުން ނޫސްބަޔާން ނެރެފިއެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، ހއ.އުތީމު، ށ.ބިލެއްފަހި، ށ.ގޮއިދޫ، ށ.މާއުނގޫދޫ، ށ.ކަނޑިތީމު، ހއ.ކެލާ، އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ބަޔާން ނެރެފައެވެ.
ކައުންސިލްތަކުން ނެރުނު ބަޔާނުގައި، ޔަހޫދީ އިޒްރޭލްގެ ޓެރަރިސްޓް ހަމަލާތަކުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށް، ގެދޮރުތައް ސުންނާފަތިކޮށް ހިދުމަތްތަަކުން މަހުރޫމްވެފައިވާއިރު އިޒްރޭލްގެ ހަމަލާތައް ބައިނަލްއަގްވާމީ ފެންވަރުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުމަށް ވެސް ގޮވާލައިފައިވެއެވެ.
އަދި، މަސްޖިދުލް އަޤްޞާގެ ދިފާއުގައި މުޅި އިސްލާމީ އެކަތިގަނޑަކަށްވެ ތެދުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
ދިވެހިން ފަލަސްްތީނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން އިއްޔެ އާއި މިއަދު ހަވީރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަލަސްތީނުގެ ދިދަ ހިފައިގެން އަދި އިޒްރޭލްގެ ހަމަލާތަކާ ދެކޮޅަށް ދިވެހީން ވަނީ އަޑުއުފުލާފައެވެ.
މި ހަރަކާތް ތިލަދުންމަތީގެ ގިނަ ރަށްތަކެއްގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!