އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ލިސްޓްގައި ހިމެނޭ ދައުލަތުގެ މަގާމްތަކުގައި ތިބި ފަރާތްތައް، މަގާމުތަކުން ވަކިކުރުމަށް އެމައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ ޖަލްސާގައި ވަނީ "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާގުޅޭ ރިޕޯޓު"އަށް ބަހުސްކޮށް، އެ ރިޕޯޓް ބަލައިގަތުމަށް ވޯޓަށް އަހާފައެވެ.
އެ ކޮމެޓީ ރިޕޯޓުގައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގައި ބައިވެރިވި ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމު އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހުން ހިމެނޭ ލިސްޓެއް ހިމަނާފަ އެވެ.
އެ ލިސްޓް އާންމުކޮށް، އެ ލިސްޓްގައި ހިމެނޭ ފަރާތްތައް ދައުލަތުގެ މަގާމުތަކުން ވަކިކުރަންފެންނަ ރިޕޯޓްގައި ހިމަނާފައިވާއިރު އެ ރިޕޯޓް ފާސްކުރަން މަޖިލީގެ 45 މެންބަރަކު ވޯޓު ދެއްވިއެވެ.
ޖުޑީޝިއަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ފޮނުވި މި ރިޕޯޓަކީ، އެމް.އެމް.ޕީ.އާރް.ސީ ބޭނުންކޮށްގެން ކޮރަޕްޝަނާއި ޚިޔާނާތް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ނުވަތަ އެ މައްސަލައިގެ ތެރެއިން މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ ޚިދުމަތްތަކުގައާއި، ޝަރުޢީ ދާއިރާގައާއި، މިނިވަން މުއައްސަސާތަކުގައާއި، ރައްޔިތުންގެ މަޖިލީހުގައާއި، މިނިސްޓަރުންގެ ގޮތުގައާއި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ކުރީގައި މަސައްކަތްކޮށްފައިވާ ފަރާތްތަކާއި މިހާރުވެސް މަސައްކަތްކުރަމުން ގެންދާ ފަރާތްތައް ހިމެނޭކަމަށް ބަޔާންކޮށް، އެފަދަ ފަރާތްތަކުގެ ޖިނާއީ ތަޙްޤީޤު ގޮސްފައިވާ ހިސާބާއި، އެ ތަޙްޤީޤުތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ސަބަބުތައް ސާފުކުރުމަށް އެދި ހެންވޭރު ހުޅަނގު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭ ރިޕޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!